 
										 
										
			ހުޅުމާލޭގައި އިމާރާތްކުރާ ޓްރީޓޮޕް ހޮސްޕިޓަލުގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ބީ.އެމް.އެލުން ބުނެފިއެވެ.  
 
އެ ބޭންކުން މިކަން ހާމަކޮށްފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް ބޭންކްގެ ސީނިއާ މެނޭޖްމަންޓުން ހުޅުމާލެއަށް ކުރެއްވި ޒިޔާރަތަށްފަހުއެވެ. ބީ.އެމް.އެލްގެ ހިއްސާއާއެކު ކުރިއަށްގެންދާ ޓްރީޓޮޕް ހޮސްޕިޓަލުގެ މަޝްރޫޢަކީ އެ ބޭންކުން ފަޚުރުވެރިވާ އިންވެސްޓްމަންޓެއްގެ ގޮތުގައި ބީ.އެމް.އެލުން ދެކެއެވެ. 
 
 img:http://s3.psmnews.mv/images/660x400/14911440258740.jpg|ހުޅުމާލޭގައި ތަރައްޤީކުރައްވާ ޓްރީ ޓޮޕް ހޮސްޕިޓަލް / ފޮޓޯ: ޕީއެސްއެމް 
 
ބީ.އެމް.އެލުން ބުނީ ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ނިންމާ އެތަނުގެ ޚިދުމަތް އާއްމުންނަށް ދިނުމަށް އެހޮސްޕިޓަލުން މިހާރު ތައްޔާރުވަމުންދާއިރު، އެތަނުން ޙިދުމަތް ހޯދަންދާ ފަރާތްތަކަށް ޚާއްސަކޮށްގެން ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ގާއިމްކުރާނެކަމަށެވެ.
 
ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތް ކުރިޔަށްދާ ގޮތާ އެ ހޮސްޕިޓަލުން ދިނުމަށް ތައްޔާރުވަމުން އަންނަ ޚިދުމަތްތަކާމެދު ވާހަކަދައްކަވަމުން ބޭންކްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުން ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ލިބޭނެކަމަށެވެ. އަދި މިއީ އެ ބޭންކުން ކުރާ ވަރަށް ރައްކާތެރި އިންވެސްޓްމަންޓެއްގެ ގޮތުގައި ބީ.އެމް.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ވަނީ ސިފަކުރައްވާފައެވެ.