ކުޅިވަރު

ޒުވާން ޓެނިސް ޓީމަށް ޔޫތް މިނިސްޓަރ ހިތްވަރުދެއްވައިފި


އައިޓީއެފް އޭޝިޔާ ޓެނިސް މުބާރާތުގައި ވާދަކުރާ 12 އަހަރުން ދަށުގެ ޓީމާ ބައްދަލުކުރައްވާ، ޔޫތް މިނިސްޓަރ އެ ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފިއެވެ.

މިއަދު ޔޫތް މިނިސްޓްރީގައި އޮތް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ ކިތަންމެ ކުޑަ ކުދިން ހިމެނޭ ޓީމެއް ނަމަވެސް ޤައުމު ތަމްސީލް ކުރަން ދާއިރު ކޮންމެ ކުއްޖަކުވެސް ހިތްވަރާއެކު މަސައްކަތް ކުރަންވާނީ ޤައުމަށް ރީތި ނަން ހޯދައިދިނުމަށް ކަމަށެވެ. ޓެނިހަކީ މިހާރު ރާއްޖޭގައި ވަރަށް ބާރުމިނުގައި ކުރިއަރަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި މުބާރާތައް ދާ ކުދިންނަކީވެސް ޤައުމު ފަޚުރުވެރިވާފަދަ ކުދިންނަށް ވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

 "ކޮންމެ ކުއްޖަކުވެސް މަސައްކަތް ކުރަން ވާނީ ޤައުމަށް ރީތި ނަން ހޯދައިދިނުމަށް، މި ކުދިންގައިގައި އެ ހުނަރު ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް، އަބަދުވެސް ސަރުކާރުގެ ފަރާތުން ބޭނުންވާ އެއްބާރުލުމެއް ހުރިހާ އެސޯސިއޭޝަންތަކަކަށް ލިބޭނެ. "މިނިސްޓަރ ވިދާޅުވިއެވެ.

މި މުބާރާތުގައި ވާދަކުރުމަށް ނޭޕާލަށް ދާ ފަސް ކުޅުންތެރިންނާއި، އޮފިޝަލުން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ. މިއީ ޓެނިސް މުބާރާތެއްގައި 12 އަހަރުން ދަށުގެ ޓީމެއް ރާއްޖެއިން ބޭރަށް ފޮނުވާ ފުރަތަމަ ފަހަރުއެވެ. މީގެ އިތުރުން މި ޓީމު ވަނީ ކުރިއަށް އޮތް އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކުރުމަށްވެސް ނިންމާފައެވެ.