ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕް ރާއްޖޭގައި، ޗެލެންޖަކީ ކޯޓް ނުލިބުން


މިހާރު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަޔަކީ ޕްރެކްޓިސް ކުރަން ބޭނުންވާ ވަރަށް ކޯޓު ނުލުބުން ކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވިސާމް ރަޝީދު ވިދާޅުވެއްޖެއެވެ.

ދިވެހި ޤައުމީ ބާސްކެޓްބޯޅަ ޓީމު އަންނަނީ މިމަހުގެ ނަވާރަވަނަ ދުވަހު ރާއްޖޭގައި ފަށާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މި މުބާރާތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެސޯސިއޭޝަނުންނާއި، ދިވެހި ޓީމުން ވަމުން އަންނައިރު ރާއްޖޭގައި އެންމެ އިންޑޯ ކޯޓެއް އޮތުމުން އެކަމުގެ ދަތިކަން ބާސްކެޓަށްވެސް ވަނީ ކުރިމަތިވެފައެވެ.

 "މީގެ ކުރިން ދެ އިރު ޕްރެކްޓިސް ކުރަމުން އައީ، އެހެންނަމަވެސް މިހާރު ވޮލީ މުބާރާތެއް ކުރިއަށްދާތީ ޕްރެކްޓިސް ކުރަން އެގޮތަށް ވަގުތެއް ނުލިބޭ، އެއީ މިހާރު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ. "ވިސާމް ވިދާޅުވިއެވެ.

ޓީމް މިހާރު ޕްރެކްޓިސް ކުރަމުން ދަނީ ހެނދުނެވެ. ޓީމުގެ ފައިނަލް ސްކޮޑް ދެ ދުވަހެއްގެ ތެރޭގައި އިއުލާން ކުރުމަށްފަހު މިމަހުގެ ބާރަވަނަ ދުވަހު ދިވެހި ޓީމް ހޮޓަލުގައި ކޭމްޕް ކުރާނެކަމަށް ވިސާމް ވިދާޅުވިއެވެ.

މުބާރާތުގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން ބަނގްލަދޭޝްއާއި، ސްރީލަންކާއާއި، ނޭޕާލާއި، އިންޑިޔާއެވެ.