ކުޅިވަރު

" ދެވަނަ ފުރުޞަތު ލިބޭނެކަމަށް އަބަދުވެސް ޤަބޫލުކުރަން " ބުފޮން


ކާމިޔާބުވާނެކަން އަމިއްލަ ނަފްޞަށް ޤަބޫލުކުރަން ޖެހޭކަމަށް ތަޖުރިބާކާރު ކީޕަރު ބުފޮން ބުނެފިއެވެ. 

ޔުވެންޓަސްއާއެކު އަނެއްކާވެސް ޗެމްޕިއަންސްލީގު ފައިނަލުން ޖާގަ ހޯދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރު ބުފޮން ބުނީ ދެވަނަ ފުރުޞަތު ލިބޭނެކަމަށް އަބަދުވެސް ޤަބޫލުކުރަމުން އަންނަކަމަށެވެ. 2003 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ބުފޮން ގޯލްގައި ހުރެ ޔުވެންޓަސް ފައިނަލުން ބަލިވި ބަލިވުމަށް އިޝާރާތްކޮށް ބުފޮން ބުނީ ދެ އަހަރު ކުރިން އެއީ އޭނާގެ އެންމެ ފަހު ފައިނަލްކަމަށް މީހުން ހީކުރިކަމަށެވެ. 

" މީގެ ދެ އަހަރު ކުރިން އެންމެންވެސް ހީކުރި އެއީ އަހަރެންގެ ފަހު ފައިނަލްކަމަށް. ނަމަވެސް އަމިއްލަ ނަފްޞަށް ކާމިޔާބުވާނެކަން ޤަބޫލުކުރަން ޖެހޭ " މިއަހަރުގެ ޗެމްޕއިަންސްލީގު ފައިނަލުން ޖާގަ ހޯދުމަށްފަހު ބުފޮން ބުންޏެވެ.

39 އަހަރުގެ ބޮފޮން ބަލަހައްޓަމުން ދިޔަ ގޯލަށް ރޭގެ މެޗުގައި މޮނާކޯއިން ޖެހި ލަނޑަކީ ޗެމްޕިއަންސްލީގުގައި އޭނާ ބަލަހައްޓަމުން ދިޔަ ގޯލަށް ހަސަތޭކަ މިނިޓް ފަހުން ވަން ފުރަތަމަ ލަނޑެވެ. ރޭގެ މެޗުގެ ކުރިން ބުފޮންގެ ގޯލަށް ލަނޑެއް ވަދެފައިވަނީ ގްރޫޕް ސްޓޭޖްގައި މިދިޔަ އަހަރުގެ ނޮވެމްބަރު ބާވީސް ވަނަ ދުވަހުއެވެ. ބުފޮން ވަނީ އޭނާގެ ކެރިއަރުގައި އެއް ހާހަށްވުރެ ގިނަ މެޗު ކުޅެފައެވެ.