ދުނިޔެ

ސުލައިމާން ބިން ޢަބްދުލް ޢަޒީޒް: ހިތްހެޔޮ، ދީލަތި ވިޔަފާރިވެއެއް


ދިރިއުޅުމުގައި ދިމާވާ ކަންކަމާ ކެރިގެން ކުރިމަތިލާ އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެންތައް ސިދާކޮށް، ރަންކުލަ ޖައްސާލަން ލިބުމަކީ އެންމެންނަށް ލިބޭނެ ނަސީބެއް ނޫނެވެ. ނަމަވެސް ސަޢުދީ ޢަރަބިއާގެ ބިލިއަނަރެއް ކަމަށްވާ ޝޭޚް ސުލައިމާން ބިން ޢަބްދުލް ޢަޒީޒް ޢަލް ރަޖްޙީ އަކީ މިފަދަ ކާމިޔާބު އަދި ހީވާގި މަސައްކަތްތެރިއެކެވެ.

ސަޢުދީ ޢަރަބިއާގެ މަޝްހޫރު ބޭންކް އަލް ރަޖްހީ ބޭންކުގެ ބާނީ ސުލައިމާން ޢަލް ރަޖްޙީ، ސަޢުދީ ޢަރަބިއާގައި ކާމިޔާބު ވިޔާފާރިއެއް ފަށާފައިވަނީ އެޤައުމުގެ އިޤްތިސާދުގައި މިހާރު ޒުވާން ވިޔަފާރިވެރިންނަށް ދޭ ފުރުޞަތުތަކާ ތަޢުލީމު ލިބެން ނެތް ޒަމާނެއްގައެވެ. 2011 ވަނަ އަހަރު އޭނާގެ މުއްސަނދިކަން 7 ބިލިއަން ޑޮލަރުގައި އަގުކުރެވޭ ކަމަށް ފޯބްސް މެގަޒިންއިން ބުނާއިރު ސުލައިމާން އަލް ރަޖްޙީ މަސައްކަތް ކުރަން ފަށާފައިވަނީ އުމުރުން އެންމެ 9 އަހަރުގައެވެ. އެއީ ސަޢުދީ ޢަރަބިއާގެ ވެރިރަށް ރިޔާދުގެ އަލް ޚަދްރާ މާރުކޭޓަށް ބާޒާރުކުރަން އަންނަ މީހުންގެ ދަބަސްތައް އުފުއްލައިދިނުމުގައެވެ. އޭނާގެ އުމުރުން ބާރު އަހަރުގައި ދެން ކުރަން ފެށި މަސައްކަތަކީ އަމިއްލަ ކުންފުންޏަކަށް ކަދުރު ހޮވުމުގެ މަސައްކަތެވެ.

ރެޔާ ދުވާލު ހޭދަވި މިމަސައްކަތުން އޭނާ އަށް އޭރު ލިބުނީ އެންމެ 6 ސަޢުދީ ރިޔާލު ނުވަތަ 1 އެމެރިކާ ޑޮލަރު ކަމަށް އޭނާ ބުނެފައިވެއެވެ. ސުލައިމާނު ބުނީ އެދުވަސްތަކުގައި އޭނާ ނިދީ ކަދުރު ރުއްތަކުގެ ކައިރީގައި ކަމަށާ އަތުގައި އޮންނަނީ އެންމެ ހެދުމެއް ކަމަށެވެ. ނަމަވެސް އޭނާ ހިތްވަރު ދޫކޮށް ނުލާ ވާޒާފާތައް އަދާ ކުރަމުން ދިޔައެވެ.

img:http://s4.psmnews.mv/images/660x400/14943353576020.jpg|ފޯބްސް މަޖައްލާގައި ވަނީ ޝޭޚް ސުލައިމާން ބިން ޢަބްދުލް ޢަޒީޒް ޢަލް ރަޖްޙީއާއި ގުޅޭ ޙާއްޞަ ލިއުމެއް ޝާއިޢުކޮށްފަ

އެގޮތުން ރެސްޓޯރެންޓެއްގެ ކައްކާއެއްގެ ވަޒީފާއާއި ކަރާސީނާ ތެޔޮ ހޯލްސޭލްކޮށް ވިއްކާ މީހެއްގެ ވަޒީފާ ވެސް އޭނާ އަދާ ކުރިއެވެ. އަދި ސަޢުދީ ޢަރަބިއާގެ ބޮޑު ކުންފުންޏަކުން ހިންގާ މަޝްހޫރު ރެސްޓޯރެންޓެއްގެ ވެއިޓަރުކަން ވެސް ސުލައިމާނު ކޮށްފައިވެއެވެ. މަހަކު 15 އެމެރިކާ ޑޮލަރު ލިބޭ މި ވަޒީފާއިން ލިބުނު މުސާރަ ރައްކާކޮށްގެން އަމިއްލަ ފިހާރައެއް ސުލައިމާނު ހުޅުވީ އުމުރުން 15 އަހަރު ނުވަނީހެވެ. އަދި 15 އަހަރު ފުރުމުން ކައިވެނި ކުރުމަށް ކުރަން ޖެހޭ ޚަރަދުތަކަށް ފައިސާ ހޯދުމަށް ސުލައިމާން ފިހާރަ ވިއްކާލިއެވެ. އޭނާ އަތުގައި އޭރު ރައްކާކޮށްފައި ހުރި ހުރިހާ ފައިސާއެއް ކައިވެނީގެ ޙަފްލާއަށް ޚަރަދުވި ކަމަށް ވެސް ސުލައިމާން ބުނެފައިވެއެވެ. މިއީ ކާމިޔާބީ ހޯދުމުގައި ލިބިގެން ދިޔަ ގޮންޖެހުމެއް ކަމަށް ސުލައިމާނެއް ނުބަލައެވެ.

ސުލައިމާނުގެ ބޭބެ ސަލާޙް އަލް ރަޖްޙީ އާ ގުޅިގެން ފައިސާ ބަދަލުކުރުމުގެ ވިޔަފާރީގެ ތެރެއަށް ސުލައިމާން ވަދެ، ދެބެއިންގެ ބުރަ މަސައްކަތުން މި ވިޔަފާރީގެ ދެވަނަ ގޮތްޕެއް 1956 ވަނަ އަހަރުގައި ހުޅުވިއެވެ.

ސުލައިމާނުގެ ވިޔަފާރީގެ ކާމިޔާބީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިގެން ދިޔައީ 1970 ވަނަ އަހަރު ބޭބެގެ ވިޔަފާރިން ވަކިވެގެން ފައިސާ ބަދަލުކުރުމުގެ ވިޔަފާރި އަމިއްލައަށް ފަށައިގަތުމާ އެކުއެވެ. އަދި ޖެހިގެން އައި އަހަރުތަކުގައި ސަޢުދީ ޢަރަބިއާގައި އެކަނިވެސް އޭނާގެ ވިޔަފާރީގެ 30 ގޮފި ސުލައިމާނު ހުޅުވާފައިވެއެވެ. ސުލައިމާން މިހިސާބުން މަޑުޖައްސާލީއެއް ވެސް ނޫނެވެ. އޭނާގެ އަމާޒަކަށްވީ ޢަރަބި ދުނިޔޭގެ އެހެން ޤައުމުތަކަށް ވެސް މި ވިޔަފާރީ ފެތުރުމެވެ. އެގޮތުން، މިޞްރާ ލުބުނާނަށް އޭނާގެ ވިޔަފާރި ފުޅާކޮށް އެޤައުމުތަކުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދިއެވެ.

ވިޔަފާރީގެ ދާއިރާއިން ލިބިފައިވާ ކާމިޔާބީގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން ސުލައިމާން ޢަލް ރަޖްޙީ ބުނެފައިވަނީ މީގެ ސިއްރަކީ ފައިސާ ރައްކާކުރުން ކަމަށެވެ. އޭނާ ބުނީ އެއް ދުވަހު ކުރާ މަސައްކަތުން ލިބޭ ފައިސާ އަނެއް ދުވަހަށް ރައްކާކުރުމަކީ އޭނާ ކުރިން ވެސް ގެންގުޅޭ އާދައެއް ކަމަށާ މިއީ އަމިއްލައަށް ވިޔަފާރިއެއް ފަށަން ބޭނުންވުމުން އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔަ ކަން ކަމަށެވެ.

ސާދާ ދިރިއުޅުމަކަށް އާދަވެފައިވާ ސުލައިމާނަކީ މުއްސަނދިކަމުން ހޯދޭނެ އެތައް އަރާމާ އުފަލަކުން އަމިއްލައަށް މަޙްރޫމުވެ ވަރަށް އާދައިގެ ގޮތަކަށް އުޅޭ މީހެކެވެ. ދުނިޔޭގެ ބޮޑެތި ބިލިއަނަރުންގެ ތެރެއިން ދީލަތި މީހެއްގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ސުލައިމާން ޢަލް ރަޖްޙީ ވަނީ އޭނާގެ މުދަލުގެ ބޮޑު ބައެއް ސަޢުދީ ޢަރަބިއްޔާއިން ބަނޑުހައިހޫނުކަން ފިލުވާ ތަޢުލީމާ ބެހޭ އެކި އެކި ޕްރޮގްރާމްތައް ހިންގާ ޖަމާޢަތަކަށް ހަދިޔާކޮށްފައެވެ.