ތަޢުލީމު

ހެޔޮގޮތުގައި ވަގުތު ބޭނުންކުރުމަށް ދަރިވަރުންނަށް ގޮވާލައިފި


މިއަދުގެ ކިޔަވާކުދިންނާއި ޒުވާނުން މައުލޫމާތު ހޯދުމުގައި ހަމައެކަނި ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުން ނުފުދޭކަމަށާއި، މުސްތަގުބަލު ބައްޓަންކުރުމުގައި ހެޔޮގޮތުގައި ވަގުތު ބޭނުންކުރުން މުހިއްމުކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ސްކޫލްކުދިންގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ޤައުމެއްގެ މުސްތަގުބަލުގައި އެޤައުމެއް ބިނާކުރުމުގައި ޒުވާނުންނަކީ ވަރަށް ޚާއްސަ ދައުރެއް އަދާކުރާ ބައެއްކަމަށާއި، ޤައުމުގެ އެންމެ މުހިއްމު އެއް ރައުސުލްމާލަކީވެސް ޒުވާނުންކަމަށެވެ.

img:http://s2.psmnews.mv/images/660x400/14943277919479.jpg|ޤުރުއާން މުބާރާތުގެ ނަތީޖާ އިޢުލާންކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ދަރިވަރަކާ ޢިނާމް ޙަވާލުކޮށްދެއްވަނީ / ފޮޓޯ: ޕީއެސްއެމް

ބަވަނަވަމުންދާ މިއަދުގެ ދުނިޔޭގައި ތަފާތު ވަސީލަތްތަކާއެކު ދަރިވަރުން ދިރިއުޅެމުންދާއިރު، ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ތިމާގެ ވަގުތު އެންމެ ހެޔޮގޮތުގައި ބޭނުން ކުރުމުގެ މުހިއްމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، މިއަދުގެ ކިޔަވާކުދިން މާދަމާގެ ޒުވާނުންނަށް ވެގެންދާއިރު، ހުރިހާ ދަރިވަރުންނަކީވެސް އެދަރިވަރެއްގެ މުސްތަޤުބަލު ބިނާކުރުމުގައި ހެޔޮލަފާ ޤައުމަށް ބޭނުންތެރި ބަޔަކަށް ވާންޖެހޭކަމަށެވެ. އަދި ކީރިތި ޤުރުއާނާއި، ޤުރުއާން ކިޔެވުމުގެ މުހިއްމުކަން ފާހަގަކުރައްވައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައިވެސް ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ކީތިރިޤުރުއާން ކިޔަވާ މީހުން ގިނަވަމުންދާކަމަށާއި، ރާއްޖޭގެ މިސްކިތްތަކުގައި އެފަދަ ޒުވާނުން ޤުރުއާން ކިޔަވައި ނަމާދުކޮށް ހަދާ މީހުންނަށް ވުން މުހިއްމުކަމަށެވެ.