ކުޅިވަރު

ފުރަތަމަ ބުރުން 1 ވަނަ މާޒިޔާއަށް، ކޯޗުގެ ކަންބޮޑުވުން ތަކުރާރު


ބުރުން އެއްވަނަ މާޒިޔާ ކަށަވަރުކޮށްފިއެވެ. މާޒިޔާ އެއްވަނަ ކަށަވަރުކުރީ ރޭ ވެލެންސިޔާއާ ވާދަކޮށް 3-0 ން މެޗު ކާމިޔާބުކޮށްގެންނެވެ. 

މާޒިޔާ ވަނީ ފުރަތަމަ ބުރުގައި ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށް 18 ޕޮއިންޓް ހަމަކޮށްފައެވެ. ފުރަތަމަ ބުރުގައި އެޓީމަށް އަދި ބާކީ އެއް މެޗު އެބައޮތެވެ. އެހެންކަމުން ފުރަތަމަ ބުރުން ހަ ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު އެޓީމަށް އެބައޮތެވެ. 

ރޭގެ މެޗުގައި މާޒިޔާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަސަދުﷲ އަބުދުﷲއެވެ. އަނެއް ލަނޑު ޖެހީ މުޙައްމަދު އުމެއިރުއެވެ. 

މެޗަށްފަހު މާޒިޔާގެ ކޯޗު މަރްޔާން ސެކްލޮވްސްކީ ބުނީ މެޗުން މޮޅުވުމުން އުފާވެއްޖެ ކަމަށާއި، ކުޅުންތެރިންގެ ހިތްވަރު ފާހަގަކުރާކަމަށެވެ. ނަމަވެސް އެހިތްވަރު ދެން އޮތް މެޗުގައި ނެރެވޭނެތޯ އޭނާ ސުވާލު އުފެއްދިއެވެ. ކޯޗު ފާހަގަކުރީ ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިން ވަރުބަލިކަން އިހުޞާޞްކުރަން ޖެހިފައިވާކަމެވެ.

" މޮޅު މުޙިއްމު. ކުޅުންތެރިންގެ ހިތްވަރު ފާހަގަކުރަން. އެހިތްވަރު ދެން އޮތް މެޗުގަ ދެއްކޭނެކަމެއް ނޭންގް. ކުޅުންތެރިން އެތިބީ ވަރަށް ބޮޑަށް ވަރުބަލިވެފަ " ގާތްގާތުގައި މެޗު ކުޅެންޖެހޭތީ އެކަމަށް އިޝާރާތްކޮށް ކޯޗު ބުންޏެވެ.

ވެލެންސިޔާގެ ކޯޗު އަހުމަދު މުޖުތަބާ، ފެސްކޯ ބުނީ މެޗަކުން މޮޅުނުވެ ފުރަތަމަ ބުރުން ނިންމާލުމުން ގަދަ ހަތަރެއްގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވެއްޖެ ކަމަށާއި، ނަމަވެސް އެފުރުޞަތު ނުލިބޭނެކަމަށް އަދިވެސް ޤަބޫލުނުކުރާނެކަމަށެވެ.

" އެންމެ ފުރަތަމަވެސް ކުޅުންތެރިން ކުރި ހިތްވަރަށް ޝުކުރު އަދާކުރަން. މޮޅެއް ނުލިބި ފުރަތަމަ ބުރު ނިންމާލަން ޖެހުމުން ގަދަ ހަތަރެއްގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވެއްޖެ. އެފުރުޞަތު ނެތެކޭ ނުދަންނަވާނަން. އަދިވެސް މަސައްކަތްކުރާނަން " ފެސްކޯ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާޒިޔާއާއި ޓީސީ ވާދަކުރާނީ އަންނަ ހުކުރު ދުވަހުގެ ރެއެވެ.