ކުޅިވަރު

ލަންކާ މެޗުގައި ޓީމަށް ބަދަލު އައުން ގާތް - ދިލް


އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ސްރީލަންކާއާއި ދެކޮޅަށް އާ ކުޅުންތެރިންނަށް ފުރުސަތު ދޭެނެކަމަށް 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް)ބުނެފިއެވެ.

ގްރޫޕްގެ ފަހު މެޗުގައި މިއަދު ލަންކާއާއި ދެކޮޅަށް ނިކުންނައިރު، ރާއްޖެވަނީ ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައެވެ. ރާއްޖެ މޮޅުވީ ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. 

ޒުވާން ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް) ބުނީ ލަންކާ ކުޅުންތެރިންނަކީ ރާއްޖޭގެ ކުޅުންތެރިންނާއި އަޅާ ބަލާއިރު އިސްކޮޅުގެ ގޮތުން މާ ދިގު ކުޅުންތެރިން ކަމަށާއި، މާދަމާގެ މެޗަކީ އުނދަގޫ މެޗަކަށްވާނެކަމަށެވެ. މެޗުގައި ދިވެހި ޓީމުން އަވަސް ގޭމެއް ކުޅެގެން ނޫން ގޮތަކަށް ތަފާތެއް ނުދެއްކޭނެކަމަށްވެސް ދިލް ބުންޏެވެ.

ދިލް ބުނީ ޓީމްގައި މުޙިންމު ބައެއް ކުޅުންތެރިން ތިބީ އަނިޔާގައި ކަމަށާއި، އެ ކުޅުންތެރިންނަށް މިގެ މެޗުގައި ރެސްޓް ދޭނެކަމަށްވެސް ދިލް ބުންޏެވެ. އަނިޔާއިން އެއްކޮށް ރަނގަޅު ނުވަނީސް ކުޅުމުގެ އިތުރުން ކައިރިކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންތިބީ ވަރުބަލިވެފައިކަމަށްވެސް ކޯޗް ފާހަގަކުރިއެވެ.

"ކުޅުންތެރިންނަށް ރެސްޓް ދޭން އެބަ ވިސްނަން. ޗައިނީސް ތައިޕޭ މެޗް ވަރަށް މުހިންމު. އެ މެޗަށް ރެޑީވުން ހުރިހާވެސް ޓާގެޓަކީ"

މިއަދު ސްރީލަންކާ އަތުން ރާއްޖެ ބަލިވިޔަސް މުބާރާތުގައި ރާއްޖެ އިތުރު ދެ މެޗެއް ކުޅެން ޖެހޭނެއެވެ. އެއީ ރޭންކިންގ ދެ މެޗެވެ. ރޭންކިންގ ފުރަތަމަ މެޗުގައި ދިވެހިރާއްޖެ ނިކުންނާނީ ޗައިނީސް ތައިޕޭއާއި ދެކޮޅަށެވެ. އެއީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ ލައްވާލީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ސްރީލަންކާގެ އިތުރުން ދެން ރާއްޖެއާއިއެކު ހިމެނެނީ ޕާކިސްތާން، ހޮންކޮންގ އަދި ތައިލެންޑެވެ.