ތަޢުލީމު

އިނގިރޭސި ޓީޗަރުންނަށް ޚާއްޞަ ވޯކްޝޮޕެއް ފަށްޓަވައިފި


މާލޭ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދެއްވާ ޓީޗަރުންނަށް އައު ހުނަރުތައް ދަސްކޮށްދިނުމުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ފަށްޓަވައިފިއެވެ.

ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރ މެދުވެރިކޮށް ކޮލަމްބޯގައި ހުންނަ އެމެރިކަން އެމްބަސީ އާއި ސްކޫލްތަކުގައި، އިނގިރޭސިބަސް ކިޔަވައިދެއްވާ ޓީޗަރުންނަށް އަމާޒުކޮށްގެން މި މަހުގެ ދިހައެއްގެ ނިޔަލަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމަކީ "އިންގްލިޝް ލޭންގްއޭޖް އެޑިއުކޭޓަރ ވޯރކޮޝޮޕް" ގެ ނަމުގައި ކުރިއަށް ގެންދަވާ ވޯކްޝޯޕެކެވެ. 

img:http://s4.psmnews.mv/images/660x400/14942570594154.jpg|އިނގިރޭސި ކިޔަވައިދެއްވާ ޓީޗަރުންގެ ކުރިއަށްގެންދަވާ ވޯކްޝޮޕްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި ވޯކްޝޮޕްގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެންނާއި، އެހެނިހެން ވަޞީލަތްތަކުގެ އެހީގައި އިނގިރޭސި ބަސް ކިޔަވައިދޭނެ އައު ހުނަރުތައް ދަސްކޮށްދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ވޯކްޝޮޕް ބޭއްވުމުގެ މަޤްޞަދަކީ ސްކޫލްތަކުގައި އިނގިރޭސި ބަސް އުގަންނައިދެއްވާ މުދައްރިސުން ބަސް އުނގަންނައި ދެއްވުމުގައި ޒަމާނީ ވަޞީލަތްތަކަށާއި، ކިޔަވައިދިނުމުގައި އެންމެ ބޭނުންތެރި ސްޓްރެޓެޖީތަކަށް އަހުލުވެރިކުރުވާ، ޢަމަލީ ތަމްރީނުތައް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ.

މިއީ ޚިދުމަތުގައި ތިއްބެވި ޓީޗަރުން ތާޒާކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިންގާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ޖުމްލަ 29 ޓީޗަރަކު ވަނީ ބައިވެރިވެފައިވެއެވެ. މި ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ އެމެރިކާ އެމްބަސީން ރާއްޖެއަށް ފޮނުއްވާފައިވާ އިނގިރޭސި މާހިރެއް ކަމުގައިވާ މރ. ޓްރިނިޑަޑް ހާރނެންޑެޒްއެވެ.