ދުނިޔެ

މިއީ ފަރަންސޭސި ތާރީޚުގެ އައު ސަފްޙާއެއް- މެކްރޯން


މިދިޔަ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު ފަރަންސޭސިވިލާތުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ސެންޓަރިސްޓް ކެނޑިޑޭޓް އެމެނުއަލް މެކްރޯންއެވެ. މި ގޮތުން ވޯޓުގެ މެކްރޯން ވަނީ ވޯޓުގެ 24.01ގެ އިންސައްތަ ހޯއްދަވާފައެވެ. ފުރަތަމަ ބުރުން ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވާ، އާދިއްތަ ދުވަހު ބޭއްވި ދެވަނަ ބުރުގެ ވޯޓުލުމުގައި މެކްރޯނާ ވާދަ ކުރެއްވީ ކަނާތު ފިޔައިގެ ކެނޑިޑޭޓް މަރީން ލެ ޕެންއެވެ.

އިއްޔެގެ އިންތިޚާބުގެ ކުރިން ކެމްޕޭން ކުރުމުގެފަހު ދެތިން ދުވަހު މެކްރޯންއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. މީގެ ތެރޭގައި އޭނާގެ ކެމްޕޭނަށް ދިން ސައިބަރ ހަމަލާއަށް ފަހު ރަސްމީ އެތަކެއް ލިޔެ ކިއުމެއް އޮންލައިންކޮށް ލީކުކޮށްލުން ހިމެނެއެވެ. މި ކަމުގެ ސަބަބުން މެކްރޯންއަށް އޮތް ތާޢީދު ހަނިވެގެންދާނެ ކަމަށް ބެލެވުނު ނަމަވެސް އާދިއްތަ ދުވަހުގެ އިންތިޚާބުގެ ދެވަނަ ބުރު މެކްރޯން ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ. މި ގޮތުން ފަރަންސޭސި އިންތިޚާބާ ބެހޭ ވުޒާރާގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން އިއްޔެ ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި އެމެނުއަލް މެކްރޯން އަށް ވަނީ ވޯޓުގެ 66.06 އިންސައްތަ ލިބިވަޑައިގެންފައެވެ. އަނެއްކޮޅުން، މަރީން ލެ ޕެން އަށް ލިބިވަޑައިގެންނެވީ ވޯޓުގެ 33.94 އިންސައްތައެވެ.

img:http://s3.psmnews.mv/images/660x400/14942494278529.jpg|ފްރާންސްގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި މެކްރޯން / ރައީސްކަމުގެ މަސްއޫލިއްޔަތު ފަޞޭހަ ނުވާނޭކަމަށް ވިދާޅުވި

ދެވަނަ ބުރުގައި ލިބިވަޑައިގެން މި ކާމިޔާބީއަށް ފަހު ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ، މި ކާމިޔާބީއާއެކު ފަރަންސޭސި ތާރީޚުގެ އައު ސަފްޙާ އެއް އުކިގެން ހިނގައްޖެ ކަމަށެވެ. އަދި މި ސަފްޙާއަކީ އުއްމީދާ އިތުބާރުން ފުރިގެންވާ ސަފްޙާއަކަށް ހައްދަވަން ބޭނުން ކަމަށާ ފަރަންސޭސި ރައްޔިތުންގެ ކަންބޮޑުވުންތަކާ އެދުންތަކަށް އިޖާބަ ދެއްވާނެ ކަމަށެވެ. މެކްރޯން ވިދާޅުވީ ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާ އެހެން ނަމަވެސް ހުރިހާ އެންމެ ގުޅިގެން މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ޙާސިލްވާނެ ކަމަށެވެ.

img:http://s4.psmnews.mv/images/660x400/14928587448802.jpg|އިންތިޚާބުން ނާކާމިޔާބުވި ކެންޑިޑޭޓް މެރީން ލަ ޕެން / އޭނާ ވަނީ މެކްރޯންއަށް މަރުޚަބާ ވިދާޅުވެފައި

އިންތިޚާބުގައި ނާކާމިޔާބީ ލިބިވަޑައިގެން ލެ ޕެން ވަނީ މެކްރޯން އަށް މަރުޚަބާ ވިދާޅުވެފައެވެ. އޭނާގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ލަ ޕެން ވަނީ އޭނާއަށް ވޯޓު ދެއްވި 11 މިލިއަން މީހުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މެކްރޯންގެ ސަރުކާރަކަށް ގިނަ ގުނަ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ މިކަމަށް ހިތްވަރު ދެއްވާ ކަމަށް ވެސް ލެ ޕެން ވިދާޅުވިއެވެ.

މެކްރޯންގެ ކާމިޔާބީއަށް ފަރަންސޭސި މިހާރުގެ ރައީސް ފޮންސުވާ އޮލޯންދްގެ އިތުރުން ވިލާތުގެ އިއްތިހާދުގެ ލީޑަރުންގެ އިތުރުން ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލަރ މާރކެލް ވެސް ވަނީ މަރުޚަބާ ވިދާޅުވެފައެވެ. އުމުރުން 39 އަހަރުގެ އެމެނުއަލް މެކްރޯން ވެގެން މިދިޔައީ ފަރަންސޭސިވިލާތުގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެން އެންމެ އުމުރުން ހަޤު ބޭފުޅާއަށެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މެކްރޯން ރައީސް ކަމުގެ ހުވާ ކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ.