ޚަބަރު

"ކައުންސިލް އިންތިޚާބާ ގުޅިގެން ހުށަހެޅުނީ 74 މައްސަލައެއް"


ކައުންސިލް އިންތިޚާބު 2017 އާ ގުޅިގެން 74 މައްސަލައެއް އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލައިންސް ބިއުރޯއަށް ހުށައަޅާފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ. 

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، އިންތިޚާބުގެ ކަންކަމަށް ގުޅޭ 74 މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން ފަންސާސް މައްސަލައެއް ބަލައި ނިންމާ، ޖަވާބު ދެއްވާފައިވާކަމަށެވެ. އަދި ބާކީ ހުރި 24 މައްސަލަވެސް މިހާރު ބަލާ ނިންމާފައިވާކަމަށެވެ. މިހާރު އެ މައްސަލަތައް އޮތީ ޖަވާބު ދިނުމުގެ މަރުހަލާގައިކަމަށްވެސް އަކްރަމް ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އެކޮމިޝަނަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައަޅާފައިވަނީ އިންތިޚާބުގެ ވަގުތު އިތުރުކުރި މައްސަލަކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހުން ވޯޓުލުމާ ގުޅުންހުރި މައްސަލަތަކާއި ވޯޓާސް ލިސްޓުގައި ނަން ނެތްކަމަށް ބުނެ ހުށައެޅި މައްސަލަތައްވެސް ހިމެނޭކަމަށް އަކްރަމް ވިދާޅުވިއެވެ.އަކްރަމް ވިދާޅުވީ، ވޯޓާސް ލިސްޓުގައި ނަން ނެތިގެން މައްސަލަ ހުށައެޅިނަމަވެސް އެ ހުރިހާ ލިސްޓުތަކުގައި ނަން އޮތްކަމަށެވެ. އެހެންކަމުން އެ މައްސަލަތައް އަވަހަށް ހައްލުކުރެވިފައިވާކަމަށްވެސް އޭނާވިދާޅުވިއެވެ. މީގެ އިތުރުން އިންތިޚާބުގެ ކަންކަން ބެލުމަށް ހަރަކާތްތެރިވި ބައެއް އޮބްޒާވަރުންގެ ޢަމަލުތަކާ ގުޅުންހުރި މައްސަލަތައްވެސް ހުށައަޅަފައިވާކަން އަކްރަމް ފާހަގަކުރެއްވިއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުމުގެ ފުރުޞަތު ގިނަ ބަޔަކަށް ދިނުމުގެ މަޤްޞަދުގައި ވޯޓު ފޮށި ބަންދުކުރާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްދެއްވާފައިވެއެވެ. އެގޮތުން ކުރިން ހަވީރު ހަތަރެއްޖެހުމާހަމައަށް އޮތް ވަގުތު އިތުރުކުރައްވައި، ވޯޓުލުމުގެ ފުރުޞަތު ބަންދުކޮށްފައިވަނީ އިރުއޮއްސި ހައެއް ޖެހިއިރުއެވެ.މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު މެންދުރު ފަހުގެ އިޢުލާންކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. މި އިންތިޚާބުގައި ވޯޓްފޮށި ބެހެއްޓިފައިވާ ހުރިހާ ވޯޓުފޮށްޓެއްގެ ކައިރީ ވަގުތީ ނަތީޖާ މިހާރު ޢިއުލާންކޮށްފައި ވާއިރު ޖުމްލަ ވަގުތީ ނަތީޖާއެއް އިލެކްޝަން ކޮމިޝަނުން މިއަދު އިޢުލާން ކުރެއްވުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުން ގެންދަވާ ކަމަށްވެސް އެ ކޮމިޝަންގެ މަންބަރު އަހުމަދު އަކްރަމް ވަނީ ވިދާޅުވެފައެވެ. އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ޝީޓްތައް ވެރިފައި ކުރެވޭ މިންވަރަކުން އެ ކޮމިޝަންގެ ވެބްސައިޓުގައި މިހާރުވެސް ގެންދަނީ  ނަތީޖާތައް ހިމަނަމުންނެވެ. މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމުލަ 422 ވޯޓު ފޮށްޓެއް ބަހައްޓަފައިވެއެވެ. ޖުމުލަ 1487  ކެނިޑޭޓުން ވާދަކުރި މި އިންތިހާބުގައި  664 ކައުންސިލަރުން އިންތިޚާބު ކުރަންޖެހެއެވެ.