ކުޅިވަރު

ވެލެންސިޔާ އޮތް މަޤާމަކަށް ނުބަލަން - މާޒިޔާ ކޯޗު


ވެލެންސިޔާ އޮތް ހާލަތު ބަލަން ބޭނުންނުވާކަމަށާއި، މާޒިޔާއިން ބޭނުންވަނީ މެޗުން ތިން ޕޮއިންޓްކަމަށް ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފިއެވެ. 

ސެކުލޮވްސްކީ ބުނީ ތާވަލްގެ އެންމެ ފުލުގައި ވެލެންސިޔާ އޮތްނަމަވެސް މާޒިޔާއިން ވެލެންސިޔާއަށް އިހުތިރާމް ކުރާނެކަމަށެވެ. އަދި އެއްވެސް ޓީމަކީ ބަލި ޓީމެއްކަމަށް ނުބަލާނެކަމަށާއި މާޒިޔާއިން އަބަދުވެސް ނިކުންނާނީ ކޮންމެ ޓީމަކީވެސް ބަލިކުރަން އުނދަގޫ ޓީމެއްކަމަށް ބަލައިގެންކަމަށް މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮވްސްކީ ބުންޏެވެ. ތާވަލްގެ އެންމެ ފުލުގައި ވެލެންސިޔާ އޮތްނަމަވެސް ޓީމްގެ ކުޅުންތެރިންނަށް ބަލާއިރު، ޓީމް ދެރަ ނޫންކަމަށާއި ކޮންމެ ފަދަ ވަގުތެއްގައިވެސް ގޯލެއް ޖަހާފާނެ ފަދަ ކުޅުންތެރިން އެޓީމްގައި އެބަތިބިކަމަށްވެސް މާޒިޔާގެ ކޯޗް ބުންޏެވެ.

"ވެލެންސިޔާއަކީ މޮޅު ޓީމެއް. ތާވަލްގެ އެންމެ ފުލުގައި އޮތް ޓީމެއް ނަމަވެސް އަހަރެމެން ނިކުންނާނީ ހަމަ ތިން ޕޮއިންޓަށް. ރާއްޖޭގެ ގިނަ ބަޔަކު ޤަބޫލެއްވެސް ނުކުރާނެ މާޒިޔާއަށް އިންޑިޔާގެ ބެންގަލޫރު އެފްސީ 5 ލަނޑު 2 ލަނޑުން ބަލިކުރެވިދާނެކަމަށް. މާޒިޔާއިން ވަނީ އެކަންވެސް ކޮށްފަ. މިއީ ފުޓްބޯޅަ، ކޮންމެ ފަދަ ގޮތެއްވެސް ވެދާނެ، އެއްވެސް ޓީމކީ ބަލި ޓީމެއް ނޫން." ކޯޗު ބުންޏެވެ.

ކުލަބް ވެލެންސިޔާގެ ކޯޗް އަހުމަދު މުޖްތަބާ ބުނީ މިހާރު ޓީމް މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށެވެ. މާޒިޔާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނިކުންނައިރު، މިހާރު ކުރިއަށްދާ ކުލަބް މޯލްޑިވްސްކަޕްގައި ވެލެންސިޔާގެ ކުޅުންތެރިން ކުޅެމުން ދިއުމަކީ ޓީމަށް ލިބިގެންދާ ވަރަށް ބޮޑު ހީނަރުކަމެއްކަމަށްވެސް މުޖްތަބާ ބުންޏެވެ. ހާއްސަކޮށް މާޒިޔާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު، ޓީމްގެ ބައެއް ކުޅުންތެރިން ނުލާ ކުޅެން ޖެހުމަކީ ވެލެންސިޔާ ފަދަ ޓީމަކަށް ފޫބައްދަންވެސް އުނދަގޫ ކަމެއްކަމަށް ފެސްކޯ ބުންޏެވެ. މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ މޮޅު އެއް ޓީމް ކަމަށާއި ކުލަބް ވެލެންސިޔާއިން ނިކުންނާނީ އެންމެ މަދުވެގެން މާޒިޔާ އަތުން ޕޮއިންޓެއް ހޯދަންކަމަށް އޭނާ ބުންޏެވެ.

"ކޮންމެ މެޗެއްގައިވެސް ވެލެންސިޔާއިން މޮޅަށް ކުޅޭ. ވެލެންސިޔާއަށް ދިމާވާ މައްސަލައަކީ ގޯލް ނުޖެހުމުގެ މައްސަލަ. މެޗުތަކުގައި ގިނަ ހަމަލާތަކެއްވެސް އުފައްދާ، ނަމަވެސް ގޯލަށް ބަދަލުކޮށްލެވޭ ގޮތެއް ނުވޭ. މެޗުތަކުގައި ވެލެންސިޔާއިން މީގެ ކުރިންވެސް ހުރީ މޮޅަށް ކުޅެފަ، ހަމައެކަނި ދިމާވާ މައްސަލައަކީ ގޯލް ނުޖެހުމުގެ މައްސަލަ. މާޒިޔާ މެޗުގައި އެކަން ތަކުރާރު ނުކޮށް ގޯލް ޖެހޭތޯ ވަރަށް މަސައްކަތް ކުރާނަން." ފެސްކޯ ބުންޏެވެ.

ވެލެންސިޔާއާއި މާޒިޔާ ވާދަކުރާ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރުއެވެ.