ކުޅިވަރު

ނިއު އަތުން މޮޅުވެ، އީގަލްސްއަށް ހިތްހަމަ ޖެހުން


އެކެއް ސުމަކުން ނިއުރޭޑިއަންޓް ބަލިކޮށް، ކްލަބް އީގަލްސްވެސް އެސްޓީއޯ މާލޭ ލީގު ގަދަ ހަތަރެއްގެ ރޭހުގައި ހިފަހައްޓައިފިއެވެ. 

ފުރަތަމަ ބުރުގައި ދެޓީމް ކުޅުނު ފަހު މެޗުގައި އީގަލްސްގެ ލަނޑު ފުރަތަމަ ހާފް ނިމެނިކޮށް ކާމިޔާބުކޮށްދިނީ މުޙައްމަދު ނާއިމްއެވެ. އޭގެކުރިން ނިއުއަށް ރަނގަޅު ދެ ފުރުޞަތެއް ލިބި ބޭކާރުވިއެވެ. އީގަލްސްއިން ވަނީ މުޅި މެޗުގައި ނިއު ލަނޑެއް ޖެހިޔަ ނުދީ ހިފެހެއްޓުމުގައި ހިތްވަރުކޮށްފައެވެ. މެޗްގައި ނިއުއަށް ލަނޑެއް ކާމިޔާބު ނުކުރެވުނަސް، ނިއުއިންވަނީ ގިނަ ހަމަލާތެއް އީގަސްގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން މެޗްގެ ފުރަޔަމަ ހާފްގައި އަލީ ފާސިރު ގޯލްއަށް ފޮނުވާލި ބޯޅަ ބުލޮކްވެ، ހުސްކޮށް ހުރި ހަމްޒާއަށް ލިބުނު ނަމަވެސް، ހަމްޒާ ފޮނުވާލީ ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި ގަލާޑޯ ފޮނުވާލީ ބޯޅަ އީގަލްސްގެ ކީޕަރ ސުޖަން ޕެރޭރާ ދިފާޢުކުރިއެވެ. ދެވަނަ ހާފްގައި އަލީ ފާސިރު ގޯލަށް ފޮނުވާލީ ބޯޅަ، ރޮނގުމަތިން ކަހަލަ ގޮތަށްވަނީ އީގަލްސްގެ ކުޅުންތެރިން ދިފާޢުކޮށްފައެވެ.

މެޗްއަށްފަހު ނިއުގެ ކޯޗް ބެނާޑޯ ޓަވަރޭޒް ބުނީ މެޗްގައި ގިނަ ހަމަލާތަކެއް އުފެއްދީ ނިއުއިންކަމަށާއި އީގަލްސްއަށް ފުރަތަމަ ހާފްގައި ލިބުނު ހަމައެކަނި ފުރުސަތުން އެޓީމް ގޯލެއް ޖެހީކަމަށެވެ.

"ފުރަތަމަ ހާފްގައި އަހަރުމެންނަށް ފަސްވަރަކަށް ފުރުސަތު ލިބިގެންދިޔަ. އަދި ހުސް ދެ ފުރުސަތެއްވެސް ލިބިގެންދިޔަ. ދެވަނަ ހާފްގައި އީގަލްސްއިން އުޅުނީ ބޯޅަ ކުޅޭކަށް ނޫން. އެޓީމުން ބެލީ ވަގުތު ބޭކާރު ކޮށްލެވޭތޯ. ކުޅުންތެރިން ދަނޑު މައްޗަށް ވެއްޓުމާއި، މެޗު ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެޓީމުން ކުރި. އަދި ގިނަ ފައުލްތަކަށްވެސް ރެފްރީ ފުމެފައެއް ނުވޭ." ނިއުގެ ކޯޗް ޓަވަރޭޒް ބުނެޏެވެ.

ކުލަބް އީގަލްސްގެ ކޯޗް އިހުސާން އަބްދުލް ޣަނީ ބުނީ މިއީ ވަރަށް މުހިންމު މޮޅެއްކަމަށެވެ. ފުރަތަމަ ބުރު ނިންމާލުމުގެ ކުރިން ބޮޑު ޓީމެއް ބަލިކުރެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށްވެސް ސާންތި ބުންޏެވެ.

"ބޮޑު ޓީމެއް އަތުން ތިން ޕޮއިންޓް ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިއްޖެ. މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާ މެދުވެސް ވަރަށް ހިތްހަމަޖެހޭ. މުޅިން ގޭމް ޕްލޭނާ އެއްގޮތަށް ކަންތައްތައް ދިޔައީ. މިމޮޅާއެކު ލީގުގެ ދެވަނަ ބުރު ނިންމާލާއިރު، ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އެބައޮތް" އީގަލްސްގެ ކޯޗް އިހުސާން ބުންޏެވެ.

މިމޮޅާއެކު އީގަލްސް ވަނީ ފުރަތަމަ ބުރުން 10 ޕޮއިންޓް ހަމަކޮށްފައެވެ. ފުރަތަމަ ބުރުގެ މެޗުތައް ނިމޭއިރު އީގަލްސް ގަދަ ހަތަރެއްގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު އެބައޮތެވެ. ނިއު ފުރަތަމަ ބުރުން ނިންމާލީ 15 ޕޮއިންޓާއެކުއެވެ. މީގެކުރިން ނިއުރޭޑިއަންޓް ވަނީ މާޒިޔާ އަތުން ބަލިވެފައެވެ.