ޚަބަރު

"ފުލުހުން ހިންގި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރެއްނުކުރޭ"


ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގެވި ޚާއްޞަ އޮޕަރޭޝަނުގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 

ފުލުހުން ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރިއަށް ގޮސްފައިވަނީ ވަރަށް އަމާން، އޮމާން ވެށްޓެއްގައިކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ވަނީ "ދިހި"ގެ ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައެވެ. 

މިއޮޕަރޭޝަން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ފުލުހުން ހިންގާފައިވެއެވެ. ފުލުހުން ވިދާޅުވީ ވޯޓްލުން ކުރިއަށްދިޔައިރު، މާލެއާއި ރަށްރަށުގައި ވޯޓުލުން ކުރިއަށްދިޔަ މަރުކަޒުތައް ހިމެނޭ ސަރަޙައްދުތަކާއި ރަށްރަށުގެ ޢާއްމު ހާލަތު ރަނގަޅުކަމަށެވެ. އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައިރު، ވޯޓުލާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން މަގުމަތީގެ ޓްރެފިކްގެ ކަންކަން ބަލަހައްޓައި މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތްވެސް ވަނީ ކުރައްވާފައެވެ.