މިސީޒަންގައި މެސީ ޖެހި ގޯލްގެ އަދަދު 50 އަށްވުރެ މައްޗަށް އަރައިފިއެވެ.
މެސީގެ ސީޒަންގައި ޖެހި ގޯލްގެ އަދަދު 50 އަށްވުރެ މައްޗަށް އެރީ ސްޕެނިޝް ލަލީގާގައި ރޭ 4-1 ން ވިޔަރިއަލް ބަލިކުރި މެޗުގައި ޖެހި ދެގޯލާއެކުއެވެ. މެޗުގައި މެސީ ޖެހި ދެ ގޯލާއެކު ސީޒަންގައި ޖެހި ލަނޑުގެ އަދަދަކީ 51 އެވެ. މެސީގެ އިތުރުން މެޗުގައި ލަނޑު ޖެހީ ނޭމަރއާއި ސުއަރޭޒްއެވެ. މެސީ ޖެހި ދެ ލަނޑުގެ ތެރެއިން އެއް ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ.
މެޗުގެ ފަހު ވަގުތު މެސީ ކާމިޔާބުކުރި ޕެނަލްޓީއާއެކު މިސީޒަންގެ ލީގުގައި ބާސެލޯނާ ޖެހި ލަނޑުގެ އަދަދު ވަނީ 108 އަށް އަރާފައެވެ. ވިދިވިދިގެން ތިންވަނަ ފަހަރަށް ލީގު ހޯދަން މަސައްކަތްކުރަމުންދާ ބާސެލޯނާއަށް ލީގުގައި ބާކީ އޮތީ ދެމެޗެވެ. ބާސާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތް ރިއަލްމެޑްރިޑަށް ތިން މެޗު އެބައޮތެވެ.
ޗެމްޕިއަންސްލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ހެޓްރިކް ހެދި ރޮނަލްޑޯއާއި ބޭލް ނުލާ ކުޅެ، ރިއަލްމެޑްރިޑް ވަނީ ގްރެނާޑާ 4-0 ން ބަލިކޮށް، ލަލީގާ ތާވަލްގައި ބާސާއާ ޕޮއިންޓްގެ ގޮތުން ހަމަކޮށްފައެވެ. ބާސާއަށްވުރެ އެއް މެޗު މަދުން ކުޅެ، ޕޮއިންޓްގެ ގޮތުން ހަމަހަމަކުރި މެޗުގައި ރިއަލްގެ ލަނޑުތައް ޖެހީ ހަމޭސް ރޮޑްރިގޭޒްއާއި މޮރާޓާއެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗަށް ރިއަލްމެޑްރިޑް ނިކުތީ ނުވަ ބަދަލަކާއެކުއެވެ.
ޒިދާންއާއެކު ރިއަލްމެޑްރިޑް މަސައްކަތް ކުރަމުންދަނީ ފަސް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ހޯދާށެވެ. ރޭގެ ބައްޔާއެކު ގްރެނާޑާ ވަނީ އިންގްލެންޑްގެ ކުރީގެ ކެޕްޓަން އެޑަމްގެ އިރުޝާދުގެ ދަށުން ކުޅުނު ފަސް މެޗުންވެސް ބަލިވެފައެވެ. އެޑަމް އެޓީމާ ހަވާލުވީ މިދިޔަ މަހުއެވެ. ފަސް މެޗުގައި އެޓީމަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ ގޯލެކެވެ. އެޑަމް އެޓީމާ ހަވާލުވިއިރުވެސް އަދި މިހާރުވެސް އެޓީމް އޮތީ ތާވަލްގެ ފުލުގައި އޮތް ތިން ޓީމްގެ ތެރޭގައެވެ.