ކުޅިވަރު

ސާންތި ބޭނުންވަނީ ނިއު އަތުން މަދުވެގެން ޕޮއިންޓެއް


ނިއުރޭޑިއަންޓް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނިކުންނައިރު މަސައްކަތްކުރާނީ އެންމެ ކުޑަމިނުން ޕޮއިންޓެއް ހޯދަންކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ ބުނެފިއެވެ. 

މިރޭ ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗަށް އިޝާރާތްކޮށް އީގަލްސްގެ ކޯޗު ސާންތި ބުނީ ޓީމްގެ ތެރޭގައި ހުރި ކަންކަން ކޮންމެވެސް ވަރަކަށް ރަނގަޅުވެ، ކުޅުންތެރިންވެސް ތަންކޮޅެއް ބޮޑަށް މަސައްކަތްކުރަމުންދާކަމަށެވެ. ނިއުރޭޑިއަންޓަކީ އެންމެ ވަރުގަދަ އެއް ޓީމްކަމަށާއި، ނިއު އަތުން ބަލިވިޔަސް ސީޒަންގެ އަމާޒަށް ދިއުމުގެ އުއްމީދު އެބައޮތްކަމަށް ކޯޗު ބުންޏެވެ. އީގަލްސްގެ އަމާޒަކީ ކިރިޔާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުންކަމަށް އޭނާ ބުންޏެވެ. ކޯޗު ބުނީ ސީޒަންގައި އީގަލްސްއަށް ދިމާވެގެން އުޅޭ މައްސަލައަކީ އެހެން ޓީމްތަކާ އެއްވަރަށް ތައްޔާރު ނުވެވުން ކަމަށާއި، މަދުވަނީ ތަފާތު ބިދޭސީ ކުޅުންތެރިންކަމަށެވެ.

" ޓީމަށް ޕްރެޝަރ އެބައޮތް. ނިއުރޭޑިއަންޓަކީ އެންމެ ވަރުގަދަ އެއް ޓީމް. އެޓީމާ ދެކޮޅަށް ނިކުންނާނީ މަދުވެގެން ޕޮއިންޓެއް ހޯދަން. ނިއު އަތުން ބަލިވިޔަސް އަޅުގަނޑުމެންގެ ޓާގެޓަށް ވާޞިލްވެވޭނެކަމަށް އުއްމީދުކުރަން. އެއީ ކިރިޔާ ގަދަ ހަތަރެއްގައި ހިފަހައްޓާލުން " މެޗުގެ ކުރިން ސާންތި ބުންޏެވެ.

ނިއުރޭޑިއަންޓްގެ ކޯޗު ބެނާޑޯ ޓަވަރޭޒް ބުނީ އީގަލްސްއަކީ އޭނާ ވަރަށް ގަޔާވާ މޮޅު ރިތި ފުޓްބޯޅައެއް ކުޅޭ ޓީމެއްކަމަށެވެ. އެންމެ ފަހުން އީގަލްސް ކުޅުނު ދެ މެޗުން ބަލިވެސް ވެފައިވުމުން މިރޭގެ މެޗު ވަރަށް އުނދަގޫވާނެކަމަށް ޓަވަރޭޒް ބުންޏެވެ. ނިއުގެ އެންމެ ބޮޑު މައްސަލައަކީ ލިބޭ ގިނަ ފުރުޞަތުތައް ބޭކާރުވުން ކަމަށާއި، އެކަން ރަނގަޅުކުރަން ނިކުންނައިރު އީގަލްސް މެޗު ޓަފްވާނެކަމަށް އޭނާ ބުންޏެވެ..

" އީގަލްސްއަކީ ވަރަށް މޮޅު ޓީމެއް. އަހަރެން ވަރަށް ގަޔާވާ ފުޓްބޯޅައެއް ކުޅޭ ޓީމެއް. ބޯޅަ ހިފަހައްޓައިގެން ޕާސްކޮށްގެން ކުޅޭ މޮޅު ޓީމެއް. އެންމެ ފަހުން ދެ މެޗުން ބަލިވެފައިވުމުން އެޓީމްގެ ޒުވާން ކުޅުންތެރިން މިމެޗުން މޮޅުވާން ވަރަށް ބޮޑަށް މަސައްކަތްކުރާނެ. ޓަފް މެޗެއް އީގަލްސް މެޗަކީ " ޓަވަރޭޒް ބުންޏެވެ.

އީގަލްސްއާއި ނިއުރޭޑިއަންޓް ލީގުގެ ފުރަތަމަ ބުރުގައި ވާދަކުރާ ފަހު މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރުއެވެ. މެޗަށް ނިކުންނައިރު ނިއުރޭޑިއަންޓް އޮތީ ހަ މެޗުން 15 ޕޮއިންޓާއެކުގައެވެ. އީގަލްސްއަށް 6 މެޗުން ލިބެނީ 7 ޕޮއިންޓެވެ.