ޚަބަރު

އިންތިޚާބުގެ ވަގުތީ ނަތީޖާ މާދަމާ އިޢުލާން ކުރަނީ


ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ މާދަމާ އިއުލާންކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މިއިންތިޚާބުގައި ބެހެއްޓި ހުރިހާ ވޯޓު ފޮށްޓެއްގެ ވަގުތީ ނަތީޖާ، އެފޮށްޓެއްގެ ވޯޓު ގުނުމާއިއެކު އިޢުލާންކޮށްފައިވާކަމަށެވެ. އަދި ޖުމްލަ ވަގުތީ ނަތީޖާއެއް އިލެކްޝަންކޮމިޝަނުން މާދަމާ އިޢުލާން ކުރެއްވުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުން ގެންދަވާކަމަށް އެ ކޮމިޝަންގެ މެންބަރު އަޙުމަދު އަކްރަމް ވަނީ ވިދާޅުވެފައެވެ. އިލެކްޝަންސްކޮމިޝަނަށް ނަތީޖާ ޝީޓްތައް ވެރިފައި ކުރެވޭ މިންވަރަކުން އެ ކޮމިޝަންގެ ވެބްސައިޓަށް މިހާރުވެސް ގެންދަނީ ނަތީޖާތައް އަރުވަމުންނެވެ. ޖުމްލަ 1487 ކެނިޑޭޓުން ވާދަކުރި މިއިންތިޚާބުގައި 664 ކައުންސިލަރުންއިންތިޚާބު ކުރަންޖެހެއެވެ.  

މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްލަ 422 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެގޮތުން މާލޭގައި ޖުމްލަ 107 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މާލޭގައި 55 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މާލޭގައި އަތޮޅުތަކުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 52 ވޯޓު ފޮށި ބަހައްޓާފައިވާއިރު އަތޮޅުތަކުގައި ޖުމްލަ 301 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ރިސޯޓުތަކުގައި ބަހައްޓާފައިވަނީ ޖުމްލަ 7 ވޯޓު ފޮށްޓެވެ. އެއީ ބަނޑޮހާއި ރީތިރަށާއި ފެންފުއްޓާއި ވެލައްސަރާއި ކުރަމައްޗާއި ކުރުނބާ އަދި ކޮންރެޑް މޯލްޑިވްސްއެވެ. އިންޑަސްޓްރިއަލް ރަށްރަށުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަނީ ހަމައެކަނި ތިލަފުށީގައެވެ. ޖަލުތަކުގައި ޖުމްލަ 4 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއީ މާލޭޖަލާއި މާފުށިޖަލާއި ހިންމަފުށި އައްސޭރި ޖަލު އަދި ދޫނިދޫ ޖަލުގައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ހަމައެކަނި ކޮލޮމްބޯގައެވެ.