ކުޅިވަރު

ދެބެން 2 ވިކްޓްރީ ގޮވައިގެން މުޙިއްމު މެޗަކަށް!


ދެބެން ދެ ވިކްޓްރީ ގޮވައިގެން އެސްޓީއޯ މާލޭ ލީގުގެ މުޙިއްމު މެޗަކަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.

އެސްޓީއޯ މާލޭ ލީގު ފުރަތަމަ ބުރުގައި ދެޓީމްވެސް ކުޅޭ ފަހު މެޗަށް ވިކްޓްރީއާއި ޔުނައިޓެޑް ވިކްޓްރީ މާދަމާ ހަވީރު ނިކުންނާނީ އެއްބަނޑު އެއްބަފާ ދެބެން ކަމަށްވާ ކޯޗު އަލީ ސުޒޭނާއި އޭނާގެ ކޮއްކޮ މުޙައްމަދު ނަޒީހު ދެޓީމްގެ ބެންޗްގައި ތިބެއެވެ. ތާވަލްގެ 6 ވަނާގައި އޮތް ވިކްޓްރީ ގޮވައިގެން އަލީ ސުޒޭން މެޗަށް ނިކުންނައިރު މެޗު މުޙިއްމުވަނީ ގަދަ ހަތަރެއްގެ ޖާގަ ހޯދުމަށް ފުރުޞަތު ތަނަވަސްކުރާށެވެ. ހަމައެގޮތަށް ޔުނައިޓެޑް ވިކްޓްރީއަށް ގަދަ ހަތަރެއްގެ ޖާގައެއް ލިބެން އޮތީ ވިކްޓްރީގެ މައްޗަށް ކުރި ހޯދައިގެންކަމަށް ކޯޗު މުޙައްމަދު ނަޒީހުވެސް ޤަބޫލުކުރެއެވެ. ކޮންމެ ޓީމެއް ކުރި ހޯދި ނަމަވެސް އެޓީމަކަށް ފުރަތަމަ ބުރުން އަނެއް ޓީމްގެ މައްޗަށް ކުރި ލިބޭނެއެވެ.

ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްގެން ފުރަތަމަ ބުރު ފަސް ވަނާގައި ނިންމާލުމުގެ ފުރުޞަތު ވިކްޓްރީއަށް އެބައޮތެވެ. އެހެންވެއްޖެ ނަމަ ގަދަ ހަތަރެއްގެ ތެރޭގައި ނިންމާލާ ދިވެހި ލީގުން ފުރުޞަތު ހޯދަން ރަނގަޅު ފުރުޞަތެއް ވިކްޓްރީއަށް އޮންނާނެއެވެ. ހަމައެގޮތަށް ވިކްޓްރީ ބަލިކޮށްގެން ވިކްޓްރީ މިހާރު އޮތް ހަ ވަނަ މަޤާމްގައި ފުރަތަމަ ބުރު ނިންމާލާ ދެވަނަ ބުރާއެކު ގަދަ ހަތަރު ޓީމްގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު ޔުނައިޓެޑް ވިކްޓްރީއަށްވެސް އެބައޮތެވެ.

ކޯޗު އަލީ ސުޒޭން ބުނީ މެޗުން މޮޅުވެއްޖެ ނަމަ ވިކްޓްރީގެ ކުރީގައި އޮތް ޓީމްތަކާ ހަމަކުރުމުގެ ފުރުޞަތު ނުވަތަ ފަހަތަށް ޖައްސާލުމުގެ ފުރުޞަތު އޮތުމުން މިއީ ވަރަށް މުޙިއްމު މެޗެއްކަމަށެވެ. އަދި ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް ކުރި ހޯދުމުގެ ފުރުޞަތު ސްކޮޑަށް ބަލާއިރުވެސް ބޮޑު ކަމަށެވެ.

" މެޗުން މޮޅުވެއްޖެ ނަމަ ކުރީގަ އޮތް އީގަލްސް ފަހަތަށް ޖައްސާލުމުގެ ނުވަތަ ކައިރިކުރުމުގެ ފުރުޞަތު އެބައޮތް. ހަމައެގޮތަށް ގްރީން ސްޓްރީޓް އަދި ޓީސީއާ ކައިރިކޮށްލެވޭނެ. އޭރުން ދެވަނަ ބުރުން ކުރިއަށް ޖެހިލައިގެން ގަދަ ހަތަރަކަށް ދިއުމުގެ ފުރުޞަތު އެބައޮތް. އެހެންކަމުން މިއީ ވިކްޓްރީއަށް ވަރަށް މުޙިއްމު މެޗެއް. އަނެއްކާ ޔުނައިޓެޑް ވިކްޓްރީގެ ދެތިން ކުޅުންތެރިއަކަށް ނުކުޅެވޭނަމަ އޭގެ އެޑްވާންޓޭޖް ވިކްޓްރީއަށް ވަރަށް ބޮޑަށް ނެގޭނެ. ވިކްޓްރީގަ ރަނގަޅު ބަދަލު ކުޅުންތެރިން އެބަތިބި" ސުޒޭން ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުޙައްމަދު ނަޒީހު ބުނީ ވިކްޓްރީއަށް ވުރެ މެޗުގެ މުޙިންމުކަން ބޮޑީ ޔުނައިޓެޑް ވިކްޓްރީއަށް ކަމަށެވެ. އަދި ޓީމް އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫންކަމަށާއި، އެހެން ނަމަވެސް ވިކްޓްރީވެސް ބަލިކުރެވޭނެކަމަށެވެ.

" މާޒިޔާ މެޗުގައި ކުޅުނު ދެތިން ކުޅުންތެރިއަކު މާދަމާ ނުފެނުން ހަމަގާތް. ސީނިއަރ ކުޅުންތެރިއަކު ހުރީ އަނިޔާގަ. ދެ ކުޅުންތެރިއަކު ވޯޓްލާން ރަށަށް ގޮސް އާދެވޭނީވެސް މިއަދު ޕްރެކްޓިސްގެ ފަހުން. ވިކްޓްރީއަށް މާދަމާ ބަލިވިޔަސް އަދި ދެވަނަ ބުރުގަވެސް އެބައޮތް ފުރުޞަތު، ޔުނައިޓެޑް ވިކްޓްރީއަށް މިހާރު އޮތް ފުރުޞަތަކީ މާދަމާގެ މެޗު. ވިކްޓްރީވެސް ބަލިކުރެވޭނެ " ނަޒީހު ބުންޏެވެ.

ވިކްޓްރީ މިވަގުތު ހަވަނާގައި އޮތީ 5 ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑް ވިކްޓްރީ އޮތީ 3 ޕޮއިންޓާއެކު 7 ވަނާގައެވެ. މިދެޓީމް ލީގުގެ ފުރަތަމަ ބުރުގައި ވާދަކުރާނީ މާދަމާ ހަވީރުއެވެ.