ޚަބަރު

ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް މެލޭޝިޔާގައި ޤާއިމްކުރައްވަނީ


ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް މެލޭޝިއާގައި ޤާއިމް ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން އެ ސެންޓަރ ޤާއިމް ކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ ފުރަތަމަ މަރުޙަލާއެއްގެ ގޮތުން ދެޤައުމުގެ ދެމެދު "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ކަލްޗަރަލް ކޯޕަރޭޝަން" އެއްގައި ސޮއިކުރުމަށްޓަކައި މިހާރު ތައްޔާރީތައް ވަމުން ގެންދަވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވޭތާ ތިން މަސްދުވަހުގެ ތެރޭގައި މެލޭޝިއާގައި ކަލްޗަރަލް ސެންޓަރ ޤާއިމް ކުރުމުގެ ހުއްދަ ލިބިގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެެއެވެ. މިއަހަރުގެ ތެރޭގައި މި ސެންޓަރ ޤާއިމް ކުރުމުގެ ހުއްދަ ލިބިގެންދާނެކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. 2016 ވަނަ އަހަރުގެ މާޗުމަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރާއެކު ކުރެވުނު މަޝްވަރާގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން އެޤައުމުގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ޤާއިމްކުރެއްވުމުގެ ޝައުޤުވެރިކަން ވަނީ ފާޅުކޮށްފައެވެ.

މެލޭޝިއާގެ އިތުރުން އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ގުޅުން ބަދަހިކުރުމަށާއި ދިވެހި ދަރިވަރުންނަށް ދިވެހި ކިޔަވައިދިނުމާއި ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ވަސީލަތްތަކާއެކު ކަލްޗަރަލް ސެންޓަރެއް ޤާއިމް ކުރެއްވުމަށްޓަކައި އިންޑިޔާ ސަރުކާރާއެކު މަޝްވަރާ ކުރައްވަމުންދާކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ސްރީލަންކާގެ ކޮޅުނބުގައި މިހާރު ވަނީ މިފަދަ ކަލްޗަރަލް ސެންޓަރެއް ޤާއިމް ކުރައްވާފައެވެ. އަދި އެތަނުގެ ބޭނުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ގެންދަވަނީ ކުރަމުންނެވެ.