ކުޅިވަރު

ޓޮޓްނަމް ބަލިވެ، ޗެލްސީއަށް ފުރުސަތު ބޮޑުވެއްޖެ


ޕްރިމިއަރ ލީގު ހޯދުމަށް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރާނެ ކަމަށް ޓޮޓްނަމްގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް އަތުން 1-0 ން ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ ނަތީޖާ އާއި މެދު ވަރަށް ބޮޑަށް މަޔޫސްވާކަމަށާއި، އެހެންނަމަވެސް ޓީމުން އަދިވެސް މަސައްކަތް ކުރާނެ ކަމަށެވެ.

މިހާރު އޮތް ގޮތުން ޗެލްސީ ފަހަތަށް ޖައްސާލުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ކޯޗު ބުންޏެވެ. އޭނާގެ ޓީމަށް ކުރެވޭނެ ކަމަކީ މަސައްކަތް ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އެކަން ކުރާނެ ކަމުގެ ޔަގީންކަން ޕޮޗެޓީނޯ ދިނެވެ.

ރޭ ވެސްޓް ހޭމް އަތުން އެކެއް ސުމަކުން ބަލިވުމާއެކު ޓޮޓްނަމްއަށް ވަނީ ގާތްގަނޑަކަށް ލީގު ގެއްލިފައެވެ. ޓޮޓްނަމް ދެން ލީގުގައި މެޗެއް ކުޅޭ އިރު ޗެލްސީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައި އޮތުމަކީ ވަރަށް ގާތްކަމެކެވެ. އެއީ ޓޮޓްނަމް ދެން މެޗެއް ކުޅޭނީ ޗެލްސީ ލީގުގައި ދެ މެޗު ކުޅޭ ފަހުންނެވެ. އެ ދެ މެޗު ކާމިޔާބުކޮށްފިނަމަ ޗެލްސީއަށް ލީގު ކަށަވަރުވާނެއެވެ. ޗެލްސީއަށް ކުރިއަށް އޮތީ ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާ މިޑްލްސްބްރޮ އަދި ލީގުގައި އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިނުވާ ވެސްޓްބްރޮމްއާ ވާދަކުރަން ޖެހޭ މެޗެވެ.

މިދިޔަ ސީޒަންގައި ލެސްޓަރ ސިޓީ ލީގު ހޯދިއިރު އެޓީމާ އެންމެ ވާދަކުރި ޓީމެއްގެ ގޮތުގައި ފާހަގަކުރެވުނީ ޓޮޓްނަމްއެވެ. މިސީޒަންގައިވެސް ޓޮޓްނަމްއަށް ކުރިމަތި ވެފައި މިވަނީ އެފަދަ ގޮތެކެވެ.