ވިޔަފާރި

ފިނޭންސް މިނިސްޓަރު، ކޮޝިކާވާ ކަޒުހީކޯ އާ ބައްދަލުކުރައްވައިފި


ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ، (ޖައިކާ)ގެ އެގްޒެކްޓިވް ސީނިއާ ވައިސް ޕްރެސިޑެންޓް ކޮޝިކާވާ ކަޒުހީކޯ އާ ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބައްދަލު ކުރައްވައިފިއެވެ.

ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުން އޮތީ ޕެސިފިކޯ ޔޮކޮހާމާގައެވެ. ޖައިކާގެ ފަރާތުން ދިވެހިރާއްޖޭގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާއި ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މައުލޫމާތު ބަދަލުކުރައްވާފައިވެއެވެ. މީގެ އިތުރުން ކުރިއަށްއޮތްތަނުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢު ތަކާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖައިކާގެ އެގްޒެކްޓިވް ސީނިއާ ވައިސް ޕްރެސިޑެންޓް ކޮޝިކާވާ ކަޒުހީކޯ ވަނީ ޖައިކާއިން ދިވެހިރާއްޖޭގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިވެހި ސަރުކާރުން ވެދެއްވަމުންދާ އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޖައިކާ އާއި ދިވެހިރާއްޖެއާ އެކު އޮތް ޒަމާންވީ ގާތް ގުޅުން، މިބައްދަލުވުމުގައި ކޮޝިކާވާ ކަޒުހީކޯ ފާހަގަކުރައްވާފައިވެއެވެ.

ޖައިކާގެ އެގްޒެކްޓިވް ސީނިއާ ވައިސް ޕްރެސިޑެންޓް ކޮޝިކާވާ ކަޒުހީކޯ އާއެކު ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބޭއްވި މިބައްދަލުވުމުގައި، ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފާ، ޖައިކާގެ ޑިރެކްޓަރ ޖެނެރަލް ކެއިޗީރޯ ނަކަޒާވާ ވަނީ ބައިވެރިވެ ވަޑައިގެންނަވާފައިވެއެވެ.