ޚަބަރު

ހޮޓް އެއަރ ބެލޫން ފެސްޓިވަލް ފިތުރު ޢީދު ބަންދުގައި ބާއްވަނީ


ހޮޓް އެއަރ ބެލޫން ފެސްޓިވަލް ފިތުރު ޢީދު ބަންދުގައި ބޭއްވުމަށް ނިންމައިފިއެވެ.

މި ފެސްޓިވަލް އިންތިޒާމްކުރާ ފަރާތް، ޔުނިކްސް ސްޕޯޓިންގުން ބުނީ ފެސްޓިވަލް ބާއްވާ ތާރީޚު މިހާރު ފަސްކޮށްފައިވާ ކަމަށާއި ބާއްވާ ތަންވެސް ބަދަލުކޮށްފައިވާ ކަމަށެވެ. ކުރިން މި ފެސްޓިވަލް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 19 އަދި 20 ވަނަ ދުވަހު މާފަންނު ސްޓޭޑިއަމްގައެވެ. އެހެންނަމަވެސް މިހާރު މި ފެސްޓިވަލް ކުރިއަށްދާނީ އަންނަ މަހުގެ ފަންސަވީހުން ހަތާވީހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. 

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހޮޓް އެއަރ ބެލޫން ފެސްޓިވަލްގައި ހޮޓް އެއަރ ބެލޫންއަށް އެރުމަށް ބޭނުންވާ މީހުންނަށް މިމަހުގެ 7 ވަނަ ދުވަހު ޓިކެޓު ވިއްކަން ފަށާނެ ކަމަށާއި ޓިކެޓްގެ އަގަކީ ހަތްސަތޭކަ ރުފިޔާކަމަށް ޔުނިކްސް ސްޕޯޓިންގުން ހާމަކުރެއެވެ. ޓިކެޓު ވިއްކާނީ ގޯޓް ފިޝް ކެފޭ ބިސްޓްރޯއިން ކަމަށްވެސް ޔުނިކްސް ސްޕޯޓިންގުން ބުނެއެވެ. އަމިއްލަ ކުންފުންޏެއް ކަމަށްވާ ޔުނިކްސް ސްޕޯޓިންގެ ފަރާތުން ބާއްވާ މި ފެސްޓިވަލްގައި އާއްމުންނަށް ހޮޓް އެއަރ ބެލޫންގައި ހުޅުމާލެ މަތިން ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ. މި ފެސްޓިވަލްގައި ޖުމްލަ ތިން ހޮޓް އެއަރ ބެލޫން ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް ޔުނިކްސް ސްޕޯޓިންގުން މައުލޫމާތުދެއެވެ.

ހޮޓް އެއަރ ބެލޫންއެއްގައި އުދުހުމުގެ ތަޖްރިބާއަކީ މީހުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ކަމެކެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހޮޓް އެއަރ ބެލޫންގެ ހަރަކާތްތަކާއި ފެސްޓިވަލްތައް ބާއްވައެވެ.