ކުޅިވަރު

އައްޑޫ ސިޓީ އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި


ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ އެންމެ މުޙިންމު އެއް ދާއިރާކަމަށްވާ ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވާ ސްޕޯރޓްސް ކޮމްޕްލެކްސްގެ މަސައްކަތް ބަޔަކާ ހަވާލުކުރައްވައި، ބިންގާ އަޅުއްވައިފިއެވެ.

އައްޑޫ ސިޓީގެ އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިރުޠިޝާމް އާދަމްއާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީއެވެ. އައްޑޫ ސިޓީގެ ފޭދޫގައި ޤާއިމްކުރައްވާ ސްޕޯރޓްސް ކޮމްޕްލެކްސްގެ މަސައްކަތް ހަވާލުކުރެއްވީ ވިމްލާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމަންޖެހެއެވެ. މިކޮމްޕްލެކްސްގެ މަސައްކަތަށް 4.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެކަމަށް ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. 

img:http://s3.psmnews.mv/images/660x400/14939058448563.jpg|އައްޑޫ ސްޕޯރޓްސް ކޮމްޕްލެކްސް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ދައްކާލަނީ: ފޮޓޯ-ޔޫތް މިނިސްޓްރީ

މަސައްކަތް ހަވާލުކުރައްވާ، ބިންގާ އަޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ އައްޑޫ ސިޓީގެ ފޭދޫ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަޞީލަތްތަކާއި، ކަސްރަތު ކުރެވޭނެ އިންތިޒާމް އަދުގެ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުތަކުގައި ތަޞައްވަރުގެ ކުލަޖެހެމުން އަންނާތީ އުފާކުރައްވާކަމަށެވެ.

" މިއީ ހަމަ ޔަޤީނުންވެސް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިރަށުގެ ޒުވާނުންނަށް ދެއްވާ ވަރަށްވެސް އަގުބޮޑު ހަދިޔާއެއް. މިތަނަކީ އެންމެ ޒަމާނީ ފެންވަރެއްގައި އިމާރާތްކުރެވި، އެއް ފުރާޅެއްގެ ދަށުން ތަފާތު އެކިއެކި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތަކާއެކު ހުޅުވިގެންދާނެ ތަނެއް. އައްޑޫ ސިޓީ ފޭދޫގައި ޒުވާނުންނަށް އަމާޒުކޮށްގެން ދިވެހި ސަރުކާރުން އަންނަނީ ބޮޑަތި ހޭދަތަކެއް ކުރަމުން." މިނިސްޓަރ ވިދާޅުވިއެވެ.

 މިނިސްޓަރ ވިދާޅުވީ އައްޑޫ ސިޓީގެ ޒުވާނުންނެ ތަރައްޤީއަށް މިހާތަނަށް ހިންގުނު މަޝްރޫޢުތަކުގެ އަގު 65 މިލިއަނަށްވުރެ މަތިކަމަށެވެ.