ޚަބަރު

އެމްއެމްއޭގެ އަހަރީ ރިޕޯޓު ދިވެހިބަހުން ޝާއިޢުކޮށްފި


އެމްއެމްއޭގެ އަހަރީ ރިޕޯޓު ފުރަތަމަ ފަހަރަށް ދިވެހި ބަހުން ޝާއިޢުކޮށްފިއެވެ.

އެމްއެމްއޭގެ އަހަރީ ރިޕޯޓްގައި 2016 ވަނަ އަހަރު އެމްއެމްއޭގެ މަޤްޞަދުތައް ހާޞިލްކުރުމަށް އެކަށައަޅާފައިވާ ސިޔާސަތުތަކާއި އެ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކާއި އެމްއެމްއޭގެ ތަރައްގީއަށްޓަކައި ކޮށްފައިވާ މައިގަނޑު މަސައްކަތްތައް ހިމަނާފައިވެއެވެ. އަދި، ފާއިތުވި 2016 ވަނަ އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދު ހިނގައިދިޔަ ގޮތުގެ ދިރާސާއަކާއި، ދުނިޔޭގެ އިޤްތިޞާދުގައި އެ އަހަރު ހިނގާދިޔަ ފާހަގަކޮށްލެވޭ ކަންކަމަށް ޚުލާޞާކޮށް ބަލާލާފައިވެއެވެ. އަދި މިއަހަރު ދިވެހިރާއްޖޭގެ އިޤްތިސާދު ހިނގާނެ ކަމަށް ލަފާކުރެވޭގޮތްވެސް ބަޔާންކޮށްފައިވެއެވެ.

އެމްއެމްއޭގެ އަހަރީ ރިޕޯޓާއި ގުޅޭގޮތުން ގަވަރނަރ އާޒިމާ އާދަމް ވިދާޅުވީ މިރިޕޯޓް ދިވެހި ބަހުން ލިޔެ، ތައްޔާރުކުރަން ނިންމީ، ރާއްޖޭގެ އިޤްތިސާދާބެހޭ ގޮތުން ކުރެވޭ ދިރާސާތައް ދިވެހިބަހުން ތައްޔާރުކޮށް، ދިވެހި ރައްޔިތުންނަށް ގެނެސްދިނުމަކީ އެމްއެމްއޭގެ ވަރަށް މުހިންމު އަމާޒަކަށްވާތީއާ މިފަދަ ދިރާސާތައް ދިވެހި ބަހުން ތައްޔާރުކުރުމުން، ރާއްޖޭގެ މާލީ އަދި އިގްތިސާދީ ކަންކަމާގުޅޭ ބަހުސްތައް ދިވެހި ބަހުން ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރު ލިބި، ބޭނުންކުރަންޖެހޭ ފަންނީ ބަސްތަކާއި ލަފުޒުތައް ދިވެހި ބަހުން ފާޅުކޮށް، އެއަށް އެންމެން އަހުލުވެރިވެގެންދާނެކަމަށް ޤަބޫލުކުރެވޭތީކަމަށެވެ.