ޚަބަރު

އިންތިޚާބާއި ގުޅޭގޮތުން އެމްއެންޑީއެފަށް މަޢުލޫމާތުދެއްވައިފި


މެއި 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވެފައިވާ ތައްޔާރީތަކާއި ގުޅޭ މަޢުލޫމާތު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ހިއްސާކުރައްވައިފިއެވެ. 

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ފުލުހުން ވެފައިވާ ތައްޔާރީތަކާއި އިންތިޒާމްތަކާއި ގުޅޭ މަޢުލޫމާުތު އެމްއެންޑީއެފާ ހިއްސާކުރިއެވެ. އަދި އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި އެކި ހާލަތްތަކުގައި ސިފައިގެން ފަރާތުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. 

މި ބައްދަލުވުމުގައި އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ކޮމާންޑަރު އަދި ސެންޓްރަލް އޮަޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި އެމްއެންޑީއެފްގެ މާލޭ އޭރިޔާގެ ކޮމާންޑަރު ކާނަލް ޢަބްދުލް ރަޢޫފް ބައިވެރިވެވަޑައިގެންނެވިއެވެ.