ދުނިޔެ

ކުއީން އެލިޒަބަތުގެ ފިރިކަލުން ރިޓަޔާ ކުރައްވަން ނިންމަވައިފި


އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން، ޕްރިންސް ފިލިޕް ޝާހީ ހަރަކާތްތަކުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ. 

އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސްއިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައިވާ ގޮތުން އުމުރުފުޅުން 95 އަހަރުގެ ޑިއުކް އޮފް އެޑިންބަރަރ ޕްރިންސް ފިލިޕް، ޝާހީ ހަރަކާތްތަކުން ރިޓަޔާ ކުރައްވަން ނިންމަވާފައިވަނީ މިއަހަރުގެ ފަހުކޮޅުން ފެށިގެނެވެ. ނަމަވެސް ކުރިން ހަމަޖެހިފައިވާ ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކަށް އެމަނިކުފާނު ވަޑައިގަންނަވާނޭކަމަށާއި، އަދި އެމަނިކުފާނު ބޭނުންފުޅުވާ ބައެއް ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނޭކަމަށް ބަކިންހަމް ޕެލަސްއިން ނެރުނު ބަޔާނުގައިވެއެވެ. ޕްރިންސް ފިލިޕް ރިޓަޔާ ކުރެއްވީ ސިއްޙީ ހާލުކޮޅު ދެރަވެގެންކަމަށް ބައެއް ޙަބަރުތައް ބުނި ނަމަވެސް، ސިއްހީގޮތުން ކަންބޮޑުވާންޖެހޭ އެއްވެސް މައްސަލައެއް ނޫޅޭކަމަށް އިތުބާރު ހުރި ފަރާތްތަކާއި ޙަވާލާދީ ޙަބަރުތައް ބުނެއެވެ. 

img:http://s4.psmnews.mv/images/660x400/14938961995822.jpg|ރާނީ އެލިޒަބަތާއި ޕްރިންސް ފިލިޕް / ޕްރިންސް ފިލިޕް ރިޓަޔަރ ކުރައްވަން ވަނީ ނިންމަވާފައި

ޕްރިންސް ފިލިޕް ރިޓަޔާ ކުރެއްވި ނަަމަވެސް، އިނގިރޭސި ރާނީގެ މަސައްކަތްޕުޅު ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނޭކަމަށް ބަކިންހަމް ޕެލަސްއިން ހާމަކުރެއެވެ. ރާނީ އެލިޒަބަތް އާއި ޕްރިންސް ފިލިޕްގެ ކައިވެނިފުޅަށް 70 އަހަރު ފުރުން މިއަހަރުގެ ނޮވެމްބަރުގައި ފާހަގަކުރާއިރު، ދެ ބޭފުޅުންވެސް ގެންދަވަނީ މަސައްކަތްޕުޅުތައް ލުއި ކުރައްވަމުންނެވެ. މިގޮތުން އެބޭފުޅުންގެ މަސައްކަތްޕުޅުގައި މިހާރު ގިނައިން އުޅުއްވަނީ ވަލީ އަޙްދު ޕްރިންސް ޗާލްސްއާއި އޭނާގެ ދެ ބޭފުޅުންކަމަށްވާ ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެރީއެވެ. ރާނީ އެލިޒަބަތަށްފަހު އިނގިރޭސި ރަސްކަމަށް އިސްކުރެވޭނީ ޕްރިންސް ޗާލްސްއެވެ.