ކުޅިވަރު

ޑުންގާގެ އަތް ބިންދާގެން ނުދޭ، ކުރިއަށް އޮތް މެޗުގައި ކުޅެވޭނެ


މާޒިޔާގެ ޒުވާން ކުޅުންތެރިޔާ ހަސަން ޝިފާޒް (ޑުންގާ) ގެ އަތް ބިންދާގެން ނުދާކަމަށާއި، ކުރިއަށް އޮތް މެޗުގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް އެކްލަބުން ބުނެފިއެވެ.

އޭއެފްސީކަޕްގައި އިއްޔެ މޯހަންބަގާން އަތުން މޮޅުވި މެޗުގައި އަނިޔާވެގެން ބޭލި ކުޅުންތެރިޔާއާއި ގުޅޭގޮތުން މެނޭޖަރ އިބްރާހީމް ވަހީދު ބުނީ އަތް ބިންދައިގެން ދިޔަކަމަށް ބެލެވުނު ނަމަވެސް އެކްސްރޭއާއި ޓެސްޓްތަކުން ބިންދައިގެން ދިޔަކަމަށް ނުދައްކާކަމަށެވެ. މެޗުގެ ދެވަނަ ހާފްގައި ކުޅެން ނިކުއިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅައާއެކު ވަންނަނިކޮށް، އިދިކޮޅު ޓީމްގެ ކުޅުންތެރިޔާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ވެއްޓި އަތް ވިދިގެން ވަގުތުން އޭނާ ވަނީ ދަނޑުން ބާލާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. 

" ޝަކީބުވެސް ކުރިން ބުނީ ބިންދައިގެން ގޮސްފަވާކަމަށް. ނަމަވެސް ޓެސްޓްތަކުން ދައްކަނީ ބިންދައިގެން ނުދާކަމަށް. ކުރިއަށް އޮތް މެޗުގައި ކުޅެވޭނެކަމަށް ބެލެވެނީ " މެނޭޖަރ އިބްރާހީމް ވަހީދު ބުންޏެވެ.

ޑުންގާއަކީ މާޒިޔާގެ ޒުވާން ޓީމުންވެސް ފާހަގަކުރެވުނު މަސައްކަތު ރޭޓް ރަނގަޅު ކުޅުންތެރިއެކެވެ. އަރިމައްޗާއި ފަހަތަށް އަދި މެދުތެރެއަށްވެސް އިތުބާރާއެކު ކުޅޭ "މާޒިޔާ" ކުޅުންތެރިއެކެވެ. ޑުންގާގެ އިތުރުން އިއްޔެ ބަދަލުކުރި ޔަސްފާދު ހަބީބު (މުލަކޭ) ގެ ހާލުވެސް ރަނގަޅުކަމަށާއި، އަނިޔާގެ އެއްވެސް ކަމެއް ނެތްކަމަށް އެކްލަބުން މައުލޫމާތުދެއެވެ.

މާޒިޔާއަށް ކުރިއަށް އޮތީ އެސްޓީއޯ މާލޭ ލީގުގައި އަންނަ ހޯމަ ދުވަހުގެރޭ ކްލަބް ވެލެންސިޔާއާ ވާދަކުރާ މެޗެވެ.