ކުޅިވަރު

ހަމަހަމަ ދެޓީމް އެއް ޓީމް އަނެއް ޓީމްގެ މައްޗަށް ކުރި ހޯދަން


އެސްޓީއޯ މާލޭ ލީގްގެ ފުރަތަމަ ބުރު ހިތްހަމަޖެހިގެން ނިންމާލުމަށް މާދަމާގެ މެޗު ކާމިޔާބުކުރުން މުހިންމުކަމަށް ގްރީން ސްޓްރީޓް އަދި ޓީސީ ސްޕޯރޓްސް ކުލަބުން ބުނެފިއެވެ. ދިހަ ޕޮއިންޓާއެކު އޮތް ދެ ޓީމަށް މެޗު މުޙިންމުވަނީ ފުރަތަމަ ބުރުން ކުރި ހޯދުމަށެވެ.

 މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓީސީ ސްޕޯރޓްސް ކްލަބްގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ގްރީން ސްޓްރީޓުން މިހާރު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، މިއީ ފަސޭހަ މެޗަކަށް ނުވާނެކަމަށެވެ. ނިޒާމް ބުނީ ކޮންމެ މެޗެއްގައިވެސް ޓީސީއަށް ލަނޑުޖަހަން ގިނަ ފުރުޞަތު ލިބޭކަމަށާއި، އޭގެތެރެއިން ބޭނުން ކުރެވެނީ މަދު ފުރުސަތު ތަކެއްކަމަށެވެ. މާދަމާ ގްރީން ސްޓްރީޓާ ދެކޮޅަށް ނިކުންނައިރު އެޓީމްގެ ކުޅުމަށް ބަލާ، ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނާނެކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުންޏެވެ.

"މިއީ ޓީސީއަށް ހުރިހާ ގޮތަކުން ވެސް ވަރަށް މުހިއްމު މެޗެއް. ޕޮއިންޓުގެ ގޮތުން އެއްވަރެއްގައި އޮތް ޓީމަކާ ކުޅޭއިރު ތިން ޕޮއިންޓް ވަރަށް މުހިއްމު. ކުރިއަށް ބުރެއް އޮތުމާ ވެސް އެކު މިމެޗުން ތިން ޕޮއިންޓް ނެގުން ވަރަށް މުހިންމު. އަނެއްކޮޅުން ފަހަތުގައި އޮތް ޓީމުތަކުން މަޑުމަޑުން އެބައަރާ. އެގޮތުން ބަލާއިރު މިއީ ޓީސީ ކުޅޭނެ އެންމެ މުހިއްމު އެއް މެޗު. ގްރީން ސްޓްރީޓަކީވެސް މިހާރު ވަރަށް މޮޅު ޓީމެއް، ފުރަތަމަ ޑިވިޝަނށް އަލަށް އެރި ޓީމަކާ އަޅާބަލާއިރު، އެޓީމްގެ ކުޅުން ވަރަށް މޮޅު." ނިޒާމް ބުންޏެވެ.

ގްރީން ސްޓްރީޓްގެ ކޯޗް ސޮބާޙު މުހައްމަދު ބުނީ މީގެ މީގެ ދެ އަހަރު ކުރިން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެ، އެއް ފެންވަރެއްގައި ހިފެހެއްޓުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އަދި މިއަހަރުގެ ކުރީކޮޅު ބަނގްލަދޭޝްގައި އޮތް ބައިނަލްއަޤްވާމީ މުބާރާތް ޓީސީން ކާމިޔާބު ކުރުމަކީ ޓީސީގެ އަސްލު ފެންވަރު ވަރަށް ރަނގަޅަށް އެނގިގެން ދިޔަ ކަމެއްކަމަށް ސޮބާހު ބުންޏެވެ. 

ކޮންމެ މެޗެއްވެސް ލީގެއްގައި މުހިއްމު. އެގޮތުން މިއީ ވެސް އަޅުގަނޑުމެން ކުރިމަތިލާ ވަރަށް މުހިއްމު މެޗެއް. ތިން ޕޮއިންޓް ވަރަށް މުހިންމު މެޗެއް. މޮޅުވާން ބޭނުމިއްޔާ ފަހަތަށް ޖެހިގެން ނުކުޅެވޭނެ. މޮޅެއް ބޭނުމިއްޔާ ޕްރެސްކޮށްގެން ކުޅޭނީ. އެކަމަކު މި މެޗު ފަސޭހަނުވާނެ އެއްގޮތަކަށްވެސް. އަޅުގަނޑުމެން ފަހު ވަގުތާ ހަމަޔަށް ވެސް މަސައްކަތް ކުރާނަން މަދުވެގެން ޕޮއިންޓެއް ހޯދަން." ސޮބާ ބުންޏެވެ.

ސޮބާ ބުނީ ސްކޮޑްގައި ކުޅުންތެރިން މަދުވުމުން ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭކަމަށާއި މާދަމާގެ މެޗުގައި ޔޫކްރޭންގެ މިޑްފީލްޑރ ސޮބޮލް އިލިއާއަށް ކުޅެވޭއިރު މުހައްމަދު ޝައްފާޒަށް ނުކުޅެވޭނެކަމަށެވެ.