ކުޅިވަރު

ލ.އަތޮޅުގެ ޗެމްޕިއަންކަން މާބައިދޫ ހޯދައިފި


އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ލ.އަތޮޅުގެ ޗެމްޕިއަންކަން ލ.މާބައިދޫ ހޯދައިފިއެވެ. 

މާބައިދޫ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކުނަހަންދޫއާއި ވާދަކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ފުރިހަމަ ވަގުތު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. ޕެނަލްޓީގައި މާބައިދޫ ކުރި ހޯދީ 4-2 ންނެވެ. މާބައިދޫ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ އަހުމަދު ޝަރީފް، އަބުދުﷲ ފަރީޝް، މުޙައްމަދު ވަހީދު އަދި އިބްރާހީމް ފައްސާހުއެވެ. ކުނަހަންދޫގެ ދެ ޕެނަލްޓީ ކާމިޔާބުކުރީ ހުސެއިން ޒަކީއާއި، މުޙައްމަދު އަޒްމޫންއެވެ. 

ދިވެހިން ލީގު ކޮލިފިކޭޝަންގައި ވާދަކުރުމަށް މާބައިދޫއަށް ކުރިއަށް އޮތީ ޒޯންގެ ޗެމްޕިއަންކަން ހޯދުމެވެ. ޒޯން ފައިނަލްގައި ވާދަކުރާ ތ.އަތޮޅުގެ ޗެމްޕިއަން ތިމަރަފުއްޓާއެވެ.