ޚަބަރު

ޔޮޓް ޓުއާސްއާ ދެކޮޅަށް މީރާއިން ދަޢުވާކޮށްފި


ޔޮޓް ޓުއާސް މޯލްޑިވްސްއަށް ދޫކޮށްފައިވާ ބައެއް ރަށްތަކުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކައިގެން ދައުލަތުގެ ޓެކްސް އިދާރާއިން އެކުންފުންޏާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރައްވައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ޔޮޓް ޓުއާސް މޯލްޑިވްސްއާ ދެކޮޅަށް ދައުވާ ކުރައްވާފައިވަނި، އެ ކުންފުނިން މީރާއަށް ދައްކަންޖެހޭ ތިން މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށެވެ. މީރާއިން ވަނީ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ޔޮޓް ޓުއާސްގެ ބޭންކް އެކައުންޓްތައްވެސް ހިފަހައްޓާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޔޮޓް ޓުއާސް މޯލްޑިވްސްގެ އެކައުންޓްތައް ހިފަހައްޓާފައިވަނީ، ޔޮޓް ޓުއާސްއިން ހިންގާ އަލިދޫ ރިސޯޓާއި ކުރިން އެކުންފުންޏަށް ދޫކޮށްފައިވާ ބީނާފުށި އަދި ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާއަށްވާ ފައިސާ ކަނޑައެޅިފައިވާ ތާރީޚު ފަހަނައަޅައި ދިޔަފަހުންވެސް ދައްކާފައިނުވާތީއެވެ. މީރާއިން ގެންދަވަނީ ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކާ ދެކޮޅަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅުއްވަމުންނެވެ.

ވިޔަފާރީގެ ބާވަތާއި، ސައިޒާއި، ދައްކަންޖެހޭ ފައިސާގެ ބާވަތާއި، ވިޔަފާރިކުރާ ފަރާތުގެ އެހެނިހެން ޙައިސިއްޔަތުތަކަށް ބިނާކޮށް މީރާއިން އެފަރާތަކާމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.