ޚަބަރު

ވިލާ ގްރޫޕްގެ ދެ ކުންފުންޏަކާއި ދެކޮޅަށް މީރާއިން ދަޢުވާކޮށްފި


ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކައިގެ 37 މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދުމަށް ވިލާ ގްރޫޕްގެ ދެ ކުންފުންޏަކާއި ދެކޮޅަށް ދައުލަތުގެ ޓެކްސް އިދާރާއިން ސިވިލް ކޯޓުގައި ދަޢުވާކުރައްވައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއިން، ސިވިލް ކޯޓުގައި ދަޢުވާކުރައްވާފައިވަނީ، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އާއި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގއާ ދެކޮޅަށެވެ. މީގެ ތެރެއިން ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އާއި ދެކޮޅަށް ދައުވާ ކުރަނީ، އެކުންފުންޏަށް ދޫކޮށްފައިވާ ބައެއް ރަށްތަކުން ކުއްޔާއި ޖޫރިމަނާ ފައިސާއަށްވާ އަށާރަ ޕޮއިންޓް ހައެއް މިލިއަން ޑޮލަރު ހޯދުމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ އާއި ދެކޮޅަށް މީރާއިން ދަޢުވާކޮށްފައިވަނީ، ތ.އަތޮޅު އެލާގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ އަށާރަ ޕޮއިންޓް ނުވައެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެނެވެ. ވިލާގެ ބައެއް ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މީރާއިން މީގެ ކުރިންވަނީ ވިލާ ޝިޕިންގގެ ބައެއް އެކައުންޓްތައްވެސް ފްރީޒްކޮށްފައެވެ.

ދައުލަތުގެ ކަމާބެހޭ އިދާރާތަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހި ނުދައްކައިވާ،  ޓޫރިޒަމް ދާއިރާގެ ބިމުކުއްޔާއި އެއާގުޅޭ ޖޫރިމަނާއާއި އެހެނިހެން ފައިސާ ދައްކާފައި ނުވާތީ، 17 ފަރާތެއްގެ ބޭންކް އެކައުންޓުތައް މިހާތަނަށް ހިފަހައްޓާފައިވާކަމަށް މިރާއިން ވަނީ ވިދާޅުވެފައެވެ.  އޭގެތެރޭގައި މިހާރު ހިންގަމުންގެންދާ 8 ރިޒޯޓާއި، ޓޫރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އެއްބަސްވުން ބާޠިލުކޮށްފައިވާ 9 ރަށެއް ހިންގާ ފަރާތްތަކުގެ ބޭންކު އެކައުންޓް ހިމެނެއެވެ.