ޚަބަރު

ގާސިމްގެ ބަންދަށް ހައިކޯޓުން ތާޢީދުކޮށްފި


ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް، ހައިކޯޓުން ތާއީދުކުރައްވައިފިއެވެ.

ޤާސިމް އިބްރާހީމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ،  ޤާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރުމާއި، ސަލާމަތީ ބާރުތަކަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރުމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާޢީދުކުރައްވައި ހައިކޯޓުން ނެރުއްވި ޙުކުމުގައި ވަނީ ކުށުގެ ތުހުމަތުގައިވާ މީހަކާ ދެކޮޅަށް ބޭނުންވާނީ ކުށް ސާބިތު ކުރެވޭ މިންވަރުގެ ހެކި ނޫންކަމަށާއި، އެ ހާލަތުގައި، ކުށެއް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރުމުން ފުދޭނެކަމަށެވެ. އަދި ޤާސިމް އިބްރާހީމްގެ މައްޗަށް އެ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅަފައިވާކަމަށްވެސް ހައިކޯޓުގެ ޙުކުމުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން ޤާސިމް ބަންދުގައި ބެހެއްޓުމަށް ނެރުއްވި އަމުރު ރަނަގަޅުކަމަށް ހައިކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ.