ކުޅިވަރު

އަންހެން ޓީމް ކޯޗަކަށް އާތިފް، އެސިސްޓެންޓަކަށް އާފިއު


ޤައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗަކަށް މުޙައްމަދު އާތިފް ހަމަޖައްސައިފިއެވެ. މުޙައްމަދު އާތިފް ޤައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗަކަށް ހަމަޖައްސާ، މިއަދު ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 

އާތިފްގެ އެހީތެރިއަކަށް ހަމަޖެއްސީ ކުރިން ނިއުއާއި ވިކްޓްރީއަށްވެސް ކުޅުނު އާފިއު މުޙައްމަދު ހަމީދުއެވެ. އޭނާއަކީ މިހާރު ޓީސީގެ އެސިސްޓެންޓް ކޯޗެވެ. ސޮއިކުރެއްވުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީޖް ވިދާޅުވީ ޤައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކޯޗަކަށް އާތިފް ހަމަޖައްސާފައިވަނީ ވަރަށް ގިނަ ކަންތައްތަކެއް ބެލުމަށްފަހުކަމަށެވެ. މިވަގުތު ރާއްޖޭގައި ތިބި ކޯޗުންގެ ތެރެއިން އާތިފަކީ މިކަމަށް އެންމެ ޤާބިލް އެއް ފަރާތްކަމަށް ބައްސާމް ވިދާޅުވިއެވެ.

 ޤައުމީ އަންހެން ފުޓްބޯޅަ ޓީމް ފަހަކަށް އައިސް ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނައިރު، އާތިފަށް ޤައުމީ އަންހެން ފުޓްބޯޅަ ޓީމް އެހެން ހަރުފަތަކަށް ގެންދެވޭނެކަމަށް އެފްއޭއެމްއިން ގަބޫލް ކުރައްވާކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. ބައްސާމް ވިދާޅުވީ ޤައުމީ އަންހެން ފުޓްބޯޅަ ޓީމް މިސަރަހައްދުގެ މުބާރާތުގެ ސެމީ ފައިނަލާ ހިސާބަށް މިހާރު ދަތުރުކޮށްފައިވާތީ، އާތިފްގެ އެންމެ ބޮޑު އަމާޒަކަށް އެފްއޭއެމްއިން ހަމަޖައްސާފައިވާނީ ސަހަރައްދުގެ މުބާރާތެއްގެ ފައިނަލްގައި އަންހެން ޓީމް ވާދަކުރާ ހިސާބަށް ގެންގޮސްދިނުންކަމަށެވެ.

"މިހާރު އަންހެން ޓީމް ވަނީ ސެމީ ފައިނަލް ކުޅެފަ. ދެން އަޅުގަނޑުމެން ބޭނުންވަނީ ފައިނަލާ ހިސާބަށް ދަތުރުކުރަން. ތަށިވެސް ބޭނުން، ނަމަވެސް ތަށްޓާއި ހަމައަށް ދިއުމުގެ ކުރިން އަދިވެސް އަންހެން ޓީމް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި. ފައިނަލާ ހިސާބަށް އަޒުމް ކަނޑައަޅާފިނަމަ، ތަށިވެސް ލިބޭނެ." ބައްސާމް ވިދާޅުވިއެވެ.

މުޙައްމަދު އާތިފް ފުރަތަމަ ޑިވިޝަންގައި އެންމެ ފަހުން އިރުޝާދުދިނީ ޔުނައިޓަޑް ވިކްޓްރީއަށެވެ. މިދިޔަ އަހަރު އެޓީމް ގޮވައިގެން ނިކުމެ ގަދަ ހަތަރަކުން ޖާގަ ހޯދިއެވެ. މިއަހަރު ފުރަތަމަ ތިން މެޗަށްފަހު އޭނާ ވަނީ އިސްތިއުފާ ދީފައެވެ. އޭގެ ފަހުން އޭނާ އިރުޝާދު ދިނީ މިނިވަން ޗެމްޕިއަންޝިޕްގައި ރ.އުނގޫފާރު ޓީމަށެވެ.

 ޤައުމީ އަންހެން ފުޓްބޯޅަ ޓީމަށް އެންމެ ފަހުން އިރުޝާދުދިނީ ޖަޕާންގެ ކަވަމޯޓޯއެވެ. ޖަޕާންގެ މިކޯޗަކީ ޖަޕާންގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެހީގެ ދަށުން ރާއްޖޭގައި މަސައްކަތްކުރި ކޯޗެކެވެ.