ކުޅިވަރު

އަވޭ މެޗުގެ މޮޅުން ލިބެން އޮތީ ހިތްވަރެއް - މާޒިޔާ ކޯޗު


މޯހަން ބަގާންގެ އަމިއްލަ ދަނޑުގައި އެޓީމް ބަލިކުރެވުމަކީ ހިތްވަރެއްކަމަށާއި، ނަމަވެސް މާދަމާގެ މެޗަކީ މުޅިން ތަފާތު މެޗެއްކަމަށް ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނެފިއެވެ. 

އަމިއްލަ ދަނޑުގައި މާދަމާ މޯހަން މަގާންއާ ދެކޮޅަށް ކުޅޭއިރު އަވޭ މެޗުގެ ނަތީޖާއިން ލިބެން އޮތީ ހަމައެކަނި ހިތްވަރުކަން ކޯޗު ފާހަގަކުރިއެވެ. ކޯޗު ބުނީ ގާތް ގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިކޮށް ކަމަށެވެ. ނަމަވެސް މާޒިޔާއަށް ހެޔޮއެދޭ ފަރާތްތަކުންނާއި ޤައުމީ ޓީމްގެ ފިޒީޝަން އަހުމަދު ޝަކީބު ކޮށް ދެއްވި ބުރަ މަސައްކަތުން ކުޅުންތެރިންގެ ރިކަވަރީ ވަރަށް ރަނގަޅަށް ގެންދެވުނުކަމަށް މާޒިޔާގެ ކޯޗް މަރިޔާން ސެކުލޮސްކީ ބުންޏެވެ. ކުޅުންތެރިން ކިތަންމެ ވަރުބަލިކޮށް ތިބި ނަމަވެސް، މާޒިޔާގެ ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރު ކުރާކަމަށް ކޯޗު ބުންޏެވެ.

"ކުޅުންތެރިން ވަރަށް ވަރުބަލި، ނަމަވެސް އަހަރެން އަހަރެންގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިތުބާރު ކުރަން. އަހަންނަށް އިނގޭ ކުޅުންތެރިން އެކުޅުންތެރިންގެ %100 ދޭނެކަން. މީގެ ކުރީ މެޗުތަކުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިހާރުވާނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފަ. މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން 90 ވަނަ މިނެޓާ ހަމައަށްވެސް ކުޅުންތެރިންގެ ވިސްނުން އެއް ލެވެލްއެއްގައި ބަހައްޓަން ޖެހޭ." މާޒިޔާގެ ކޯޗު ބުންޏެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ އޭއެފްސީ ކަޕްގައި ދެވަނަ ބުރަށް ދިއުމަށް މިމެޗަކީ ވަރަށް މުހިންމު މެޗެއްކަމަށެވެ. ކޯޗުވެސް ފާހަގަކޮށްފައިވާ ފަދައިން ކޮންމެ މެޗަކީވެސް މުހިންމު މެޗެއް ކަމަށާއި، ކުރިން މޯހަން ބަގާންއާ ވާދަކުރި މެޗުގައި ހިނގާފައިވާ ގޯސްތައް ރަނގަޅު ކުރުމަށް ކުޅުންތެރިންނަށް ކޯޗު ވަރަށް ރަނގަޅަށް ކިޔައިދީފައިވާކަމަށް މާޒިގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުންޏެވެ.

"މިޓީމަކީ އިންޑިޔާގެ އެންމެ ވަރުގަދަ އެއް ޓީމް. ކުރީ މެޗުގައި އަހަރެންނަށް ހެދިފައިވާ ގޯސްތައް މިހާރު ރަނގަޅު ކުރުމަށް މިއޮތީ ފުރުސަތެއް ލިބިފަ. ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗުން މޮޅުވުމުގެ އަޒުމްގަ. މެޗުން މޮޅުވެގެން އަމިއްލަ ބާރު ލިބެން އެބައޮތް، ދެވަނަ ބުރަށް ދާން. ކުރިން މޯހަން ބަގާންއާ ވާދަކުރި މެޗާއި، މިމެޗު ވަރަށް ބޮޑަށް ތަފާތުވާނެ. ސަޕޯޓަރުންގެ އެހީއާއިއެކު މެޗު ކާމިޔާބު ކުރަންވެސް ވަރަށް ފަސޭހަވާނެ" އަސަދުﷲ ބުންޏެވެ.

މޯހަން ބަގާންގެ އެސިސްޓެންޓް ކޯޗް ބުނެފައިވަނީ އިންޑިއާ ލީގު މޯހަން ބަގާންއަށް ގެއްލުމުން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައިވާކަމަށެވެ. އަދި މޯރަލްވެސް ވަރަށް ދަށްކަމަށެވެ. މިވާހަކަތަކަށް ރައްދު ދެމުން މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮވްސްކީ ބުނީ އެއްވެސް ޓީމެއް އެއްވެސް މެޗަކުން ބަލިވާން ބޭނުން ނުވާނެކަމަށާއި، މޯހަން ބަގާން ބަލިވާން ރާއްޖެ ނާންނާނެކަމަށެވެ. އަދި އެފަދަ ވާހަކަތަކަށް މާޒިޔާގެ ކުޅުންތެރިން ދޭނީ ބީރު ކަންފަތެއްކަމަށްވެސް މާޒިޔާގެ ކޯޗު ބުންޏެވެ.