ދުނިޔެ

ކޮރެޔާގެ އެންޓި މިސައިލް ނިޒާމް "ތާޑް"، މަސައްކަތްކުރަން ފަށައިފި


އުތުރުކޮރެއާއިން ދެކުނު ކޮރެއާއަށް ދީފާނެ މިސައިލް ޙަމަލާއަކުން ދިފާޢުވުމަށް އެމެރިކާއިން ދެކުނު ކޮރެއާގައި ޤާއިމުކުރި އެންޓި މިސައިލް ނިޒާމް "ތާޑް"، މިހާރު މަސައްކަތް ކުރަން ފަށާފައިވާ ކަމަށް އެމެރިކާއިން ހާމަކޮށްފިއެވެ. 

އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ މި ނިޒާމުގެ އެހީގައި އުތުރު ކޮރެއާއިން ދެކުނަށް އަމާޒުކޮށް ފޮނުވާ މިސައިލްތައް ހުއްޓުވޭނެ ކަމަށެވެ. އެހެން ނަމަވެސް މި ނިޒާމު އަދި މުޅިން ފުރިހަމަވުމަށް އަދި ދެތިން މަސް ނަގާނެ ކަމަށް އެމެރިކާގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެމެރިކާގެ މި ނިޒާމު ދެކުނު ކޮރެއާގައި ޤާއިމުކޮށްފައި މިވަނީ ކޮރިއަން ޕެނިންސޫލާގައި އަނެއްކާ ވެސް ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އުތުރު ކޮރެއާއިން ވަނީ ދާދި ފަހުން ދެ ބެލެސްޓިކް މިސައިލް ޓެސްޓްކޮށްފައެވެ. މި ޓެސްޓްތައް ނާކާމިޔާބުވެފައިވާ އިރު އެގައުމުން 6 ވަނަ ނިއުކްލިޔަރ ޓެސްޓެއް ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ދެކުނު ކޮރެއާއިން ބުނެއެވެ. 

އަނެއްކޮޅުން، މިމައްސަލައިގައި އެމެރިކާއިން ވަނީ އދގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އުތުރު ކޮރެއާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.