ޚަބަރު

ސްޓެލްކޯ ފެން ލިބޭނެ ފަސޭޙަ އިންތިޒާމްތަކެއް ހަމަޖައްސަނީ


ކުރިއަށްއޮތް ދުވަސްތަކުގައި ކަސްޓަމަރުންނަށް ފަސޭޙައިން "ސްޓެލްކޯ ފެން" ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މިދިޔަ އާދީއްތަ ދުވަހު ބާޒާރަށް ނެރެފައިވާ "ސްޓެލްކޯ ފެން" ގަތުމަށްޓަކައި މިއަދު ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އެ ކުންފުނީގެ ސޭލްސް ސެންޓަރު ކައިރީގައި ކިއު ހަދާފައެވެ.

ސްޓެލްކޯއިން ދުވާލަކަށް ތިންސަތޭކަ ކޭސް ފެން އުފެއްދުމުގެ ޤާބިލްކަން އެބަހުރިކަމަށާއި، ކޮންމެ ދުވަހަކުވެސް އެވަރަށް ފެން ބާޒާރަށް ނެރޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ. ޕީއެސްއެމް ނިއުސްއާ ވަހަކަދައްކަވަމުން ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހީމް ރައޫފް ވިދާޅުވީ، ކަސްޓަމަރުންނަށް ފެން ވިއްކުމުގެ އިންތިޒާމްތައް ކުރިއަށް އޮތްތާނގައި އިތުރަށް ހަރުދަނާކުރައްވާނެކަމަށާ، ޑިމާންޑު މިހާ ބޮޑުވާނެ ކަމަށް ކުރިން ލަފާކޮށްފައި ނުވާކަމަށެވެ.

"ކަސްޓަމަރުންގެ ޝަކުވާ އެބަ އާދޭ ގިނަ އިރު ކިއޫގައި މަޑުކުރަން ޖެހޭތީ، ކުރިއަށް އޮތްތާނގައި ސްޓެލްކޯއިން ފެން ގަންނަ ފަރާތްތަތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދޭނަން." ރައޫފް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14934789966248.jpg|

މިއީ ރާއްޖެއަށް ހޫނުގަދަ ދުވަސްވަރަކަށް ވުމާއެކު، ފުޅީގައި ބަންދުކުރި ފެނަށް އޮންނަ ޑިމާންޑުވަނީ ވަރަށްބޮޑުވެފައެވެ. މިއާއެކު ރާއްޖޭގައި ފެން ވިއްކާ އިތުރު ކުންފުންޏެއްކަމަށްވާ އައިލެންޑް ބެވެރެޖަރސް އިންވަނީ ފެން އުފައްދާ މިންވަރު އިތުރުކޮށްފައެވެ. އެގޮތުން އެކުންފުނީގެ ތާޒާ ފެން އުފެއްދުމުގެ މަސައްކަތް މިހާރު ސައުވީސް ގަޑިއިރު ކުރަމުންދާކަމަށް އައިލެންޑް ބެވެރެޖަރސް އިން މައުލޫމާތުދެއެވެ.

ސްޓެލްކޯގެ ސޭލްސް ސެންޓަރު ކައިރީ ތިބި ބައެއް ޢާއްމުން ބުނީ މިދުވަސްވަރު މާލޭގެ ފިހާރަތަކުން ފެން ވިއްކަނީ ލިމިޓްކޮށްގެން ކަމަށާއި ގޭގެއަށް ބޭނުންވާ މިންވަރަށް ފެން ގަންނަން ނުލިބޭ ކަމަށެވެ.  

ސްޓެލްކޯ ފެނަކީ އިންޖީނުގެ ހޫނުން އުފެދޭ ފެން، ބޯފެނުގެ ގޮތުގައި ތައްޔާރުކޮށް، އުފައްދާފައިވާ ފެނެކެވެ. މި ފެނަކީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ތައްޔާރުކުރާ ފެނެއް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. މި ފެން ލިބެން ހުންނާނީ ފަސް ސައިޒެއްގެ ފުޅީގައެވެ. އެއީ، 330 އެމްއެލް، 500 އެމްއެލް، އެއް ލީޓަރ، 1.5 ލީޓަރ، 5 ލީޓަރ، ފުޅީގައެވެ. މި ފެން ވިއްކަމުން ދަނީ ހޯލްސޭލްކޮށް ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.