ކުޅިވަރު

އޭޝިޔަން ޗެމްޕިއަންޝިޕަށް އުއްމީދު އާވެއްޖެ - ސާއިދު


އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެންޕިއަންޝިޕްގައި ލިބުނު ލޯ މެޑެއްޔާއެކު ކުރިއަށް އޮތް އޭޝިއަން ޗެންޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އިތުރު ހިތްވަރެއް ލިބިފައިވާކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާޢިދު ބުނެފިއެވެ. 

ޓައިވާންގައި ކުރިއަށްދިޔަ އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެންޕިއަންޝިޕްގެ 100 މީޓަރު ދުވުމުން ސާއިދުވަނީ ލޯ މެޑަލް ހޯދާފައެވެ. މި ލޯ މެޑައްޔާއެކު ސާއިދު ވެގެންގޮސްފައިވަނީ ރާއްޖެއަށް އޭޝިއާގެ އިވެންޓަކުން މެޑައްޔެއް ހޯދައިދިން ފުރަތަމަ އެތްލީޓަށެވެ. ސާއިދު މިމުބާރާތުގައި ލޯ މެޑަލް ހޯދާފައިވަނީ ފައިނަލް ހީޓްގައި ދުވެ، 10:40 ސިކުންތުން ރޭސް ނިންމައިގެންނެވެ. ޓައިވާންގައި ކުރިއަށްދިޔަ މުބާރާތް ނިންމާލުމަށްފަހު މިއަދު ހެނދުނު މާލެއައިސް ސާއިދު ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ބުނީ މުބާރާތަށް ދިޔައިރުވެސް، މުބާރާތުގައި ވާދަކުރާ އެތްލީޓުންނަކީ އެއް ފެންވަރެއްގެ ބައެއްކަން އިނގޭކަމަށެވެ.

"މިއީ ސީޒަންގެ މެދުތެރެ. އެހެންވީމަ މާބޮޑަށް މިމުބާރާތަށް ތައްޔާރުނުވެ، މުބާރާތުގައި ވާދަކުރީވެސް. ތައްޔާރުވަމުން މިދަނީ އޭޝިއަން ޗެންޕިއަންޝިޕަށް. އޭޝިއަން ޗެންޕިއަންޝިޕްގެ ތެރެއިން އޭޝިއަން ގްރޯން ޕްރީ އެތުލެޓިކްސް ޗެންޕިއަންޝިޕާއި، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އައީމަ އިތުރު ކުރިއެރުންތަކެއް މިލިބުނީ." ސާއިދު ބުންޏެވެ.

ސާއިދު ބުނީ އޭޝިޔާގެ އެންމެ ބާރު ދުވުންތެރިންނާއި ވާދަކޮށް މިފަދަ ކާމިޔާބީއެއް ލިބުމަކީ އެތްލެޓިކްސްގެ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ ސްޕްރިންޓް ހެޑް ކޯޗް އަހުމަދު ފާއިލް ބުނީ މިއަހަރު ފުރަތަމަ ފަށިގެން މަސައްކަތް ކުރިއިރު، ސާއިދުގެ ޓައިމިންގތައް ހުރީ ތަންކޮޅެއް ދަށްކޮށްކަމަށެވެ. އެހެންކަމުން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދިޔައީ 100 މީޓަރު ދުވުމުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށްކަމަށެވެ. އަދި ސީޒަންގެ މެދު ތެރެއަށްވުމުން، ސާއިދު ހުރީވެސް އެންމެ ޕީކްގައި ނޫންކަމަށާއި، މުބާރާތުގައި ނަތީޖާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނުކަމަށް ފާއިލް ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14937072538496.jpg|ސާއިދު މާލެ އައިސް އޭނާއަށް މަރުހަބާ ކިޔަން ދިޔަ އެސޯސިއޭޝަން އަދި މިނިސްޓްރީގެ ބޭފުޅުންނާއެކު: ފޮޓޯ-ޔޫތް މިނިސްޓްރީ

"އެވްރެޖްކޮށް މިސަރަހައްދުގެ ދުވުންތެރިންގެ ޓައިމިންގތައް ލިބުމުން، އަހަރެންނަށް އެނގޭނެ ވާދަކުރެވޭ މިންވަރު. އެހާ ހިސާބުން ދެން ފަށަންޖެހޭނީ ސިކުނޑީގެ ޓްރެއިނިންގތައް. ފަހު ހީޓަށް ދިޔައިރު ސާއިދު ހުރީ ފިޒިކަލީ ރޭހަށް ތައްޔާރުވެފަ، ދެން އަހަރެން ސާއިދު މެންޓަލީ ރޭހަށް ފިޓް ކުރަނީ. އަދި ފައިނަލް އިވެންޓްގައި ޓީމުން ކުރި މަސައްކަތުން މި ލޯ މެޑަލް މިލިބުނީ." ފާއިލް ބުންޏެވެ.

އޭޝިޔަން ގްރޯން ޕްރީ އެތުލެޓިކްސް ޗެންޕިއަންޝިޕްގައި ސާޢިދުވަނީ އިންޑިޔާއާއި ސްރީލަންކާގެ ބާރު ދުވުންތެރިން ފަހަތަށް ޖައްސާލާފައެވެ. އެގޮތުން ލަންކާގެ ހިމަޝާ އީޝާން ދިޔައީ ސާއިދުގެ ފަހަތުން ހަތަރު ވަނައަށެވެ.

އިންޑިއާގެ ވިޑްޔަސަގަރް ދިޔައީ އެންމެ ފުލަށެވެ.

ސާއިދު މީގެ ކުރިން ވަނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި ހަމަ އެގޭމްސްގެ 200 މީޓަރު ރޭހާއި މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރާއި 200 މީޓަރު ދުވުމުން ސާއިދު ވަނީ ރިހި މެޑަލް ހޯދާފައެވެ.