ތޫނު އެއްޗަކުން ޙަމަލާދީ މަރާލާފައި އޮއްވައި ފެނުނު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކުރިމިނަލް ކޯޓުން އިތުރުކޮށްދެއްވައިފިއެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި މިހާ ހައްޔަރުކޮށްފައިވަނީ ޔާމީން ރަޝީދު މަރާލާފައި އޮއްވައި ފެނެނު, އޭނާ ދިރިއުޅޭ ގެ ހުންނަ ސަރަޙައްދުގެ ގެއަކުންނެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ޔާމީންގެ މަރުގެ ތުހުމަތުގައިކަމުގައި ވީނަމަވެސް ޔާމީން މަރާލުމުގައި މިމިހާގެ ބައިވެރިވުން އޮތީ ކިހިނެއްކަމެއް އަދި ސާފެއް ނުވެއެވެ.
ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މިއަދު ހައްޔަރުކުރި މީހާ ދިރިއުޅޭ ގެވެސް ފުލުހުން މިއަދު ބަލައި ފާސްކޮށްފައިވެއެވެ. ޕީއެސްއެމްގެ ނިއުސްއަށް އެނގިފައިވާގޮތުގައި އެ ގެ ބަލައި ފާސްކުރުމަށް ކޯޓުން ނެރުއްވި އަމުރުގައި ވަނީ މިދިޔަ މަހުގެ ތޭވީސްވަނަ ދުވަހުގެ ރޭ ޔާމީން ރަޝީދުގެ ފަހަތުން އޭނައަށް ފާރަލުންގޮސް އޭނާ ދިރިއުޅޭ މ.ސްޕެޓިއުލާ ތެރެއަށް ވަނުމުން ޔާމީން ހިފަހައްޓާ އޭނާއަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން ޔާމީން ރަޝީދު މަރުވެފައިވާތީ މައްސަލައާއި ގުޅުން ހުރި ހެއްކާއި ޤަރީނާ ހޯދުމަށްކަމަށެވެ.
މި މައްސަލާގައި ފުލުހުން އަދި ވަކިއެއްޗެއް ވިދާޅުފައެއް ނުވެއެވެ. ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ޙަމަލާދިން މީހުން ދެނެގަނެވިފައިވާކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުރިން ފުލުހުން ބުނެފައިވެއެވެ.