ވާރޭ ފެން ރައްކާކުރުމަށް މާލެ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ބޭނުންކުރާ ޓޭންކްތައް ސާފުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށްޓަވައިފިއެވެ.
ސާފު ނުކޮށް ހުރުމުގެ ސަބަބުން މި ޓޭންކުތައް ބޭނުންނުކުރާތާ މިހާރުވަނީ ތިން އަހަރު ދުވަސްވެފައެވެ. ގަލޮޅުގައި ހުންނަ މި ތިން ފެލެޓުގައި ދިރިއުޅޭ ފަރާތްތަކުން އެކި ބޭނުންތަކަށް ފެންބޭނުންކުރާ ހަތަރު ޓޭންކެއް ހުރެއެވެ. މީގެ ތެރެއިން ހައުސިންގ މިނިސްޓްރީން މިއަދު ސާފުކުރަން ފަށާފައިވަނީ އެސަރަހައްދުގައި ބަހައްޓާފައިވާ އެންމެ ބޮޑު ޓޭންކެވެ.
img:http://s3.psmnews.mv/images/660x400/14936534495192.jpg|ފްލެޓްތަކުގައި ހުރި ވާރޭފެން ރައްކާކުރުމަށް ބޭނުންކުރާ ޓޭންކުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ / މިޓޭންކްތައް ބޭނުންނުކުރާތާ 3 އަހަރުދުވަސް ވަނީ ވެފައި
ހައުސިން މިނިސްޓްރީން ވިދާޅުވީ މާލެ ހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ހުރި ޓޭންކްތައް ސާފުކުރަން ފެށީ ޓޭންކްތަކުން ފެން ނުލިބުމުގެ ޝަކުވާ އެފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން ލިބެމުންދާތީކަމަށެވެ.
ހައުސިންގ މިނިސްޓްރީގެ ކޯޑިނޭޓަރ އިބްރާހީމް ފަޔާޒް ވިދާޅުވީ، ޓޭންކްތައް ސާފުކުރުމުގެ މަސައްކަތް ފެށީ އެޓޭންކްތައް ސާފުނުކުރާތާ ގިނަ ދުވަސްވެފައިވުމުން ފްލެޓްތަކުގެ ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމުގެ ގޮތުންކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ނިންމައި، ރޯދަ މަސް ފެށެންވާއިރަށް އެޓޭންކުތަކުން ފެންލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެކަމަށް ފަޔާޒް ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14936534238209.jpg|ފްލެޓްތަކުގައި ހުރި ވާރޭފެން ރައްކާކުރުމަށް ބޭނުންކުރާ ޓޭންކުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދަނީ / މިޓޭންކްތައް ބޭނުންނުކުރާތާ 3 އަހަރުދުވަސް ވަނީ ވެފައި
ގަލޮޅު ފްލެޓްތަކުގެ މެއިންޓަނަންސް ކަންކަން ބެލެހެއްޓުމަށް މާލެ ސީޓީ ކައުންސިލުން ހަވާލުކޮށްފައިވާ ފަރާތުން އެމަސައްކަތް އެކަށީގެންވާ ގޮތުގައި ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ފާޅުކޮށްފައިވެއެވެ.
ފްލެޓްތަކުގެ ބޭރުގައި ކުލަ ނުލާތާ ގިނަ ދުވަސްވުމާއި، އިމާރާތްތަކުގައި ހަލާކުވާ ތަންތަން މަރާމާތު ނުކުރުމުގެ އިތުރުން، ފެން ލީކުވާތަންތަނާއި، މީދާ ގިނަވުން ފަދަ މައްސަލަތައް ހައްލުކުރުމަށް އެދެވޭ މަސައްކަތް ނުކުރާކަން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދެއްކި ބައެއް މީހުން ފާހަގަކުރިއެވެ.