ވިޔަފާރި

ދިރާގަށް 244 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް..!


މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 244 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއަރޓަރާއި އަޅާ ބަލާއިރު ތިރީސް އިންސައްތަ އިތުރު އަދަދެކެވެ.

ދިރާގުން ޢާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ އާމްދަނީގެ ގޮތުގައި ދިރާގަށް ވަނީ 644 މިލިއަން ރުފިޔާ ލިބިފައެވެ. ކުންފުނީގެ މޮބައިލް މާރކެޓަށް، ޚާއްޞަކޮށް މޮބައިލް ޑޭޓާ ކަސްޓަމަރުން އެ މުއްދަތުގައި އިތުރުވެފައިވާ ކަމަށް ދިރާގުން ހާމަކުރެއެވެ.

މިއަހަރުގެ ފުރަތަމަ ކުއަރޓަރގައި ދިރާގުން ކުރިއަށްގެންދިޔަ މުހިންމު ކަންތައްތަކުގެ ތެރޭގައި، ދިރާގުގެ ފޯޖީ ނެޓްވޯކް ރާއްޖޭގެ އާބާދީގެ 70 އިންސައްތައަށް ވުރެ އިތުރަށް ފުޅާކުރުމާއި، ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކް އިތުރު 17 ރަށެއްގައި ގާޢިމުކޮށް، ހަލުވި ބްރޯޑްބޭންޑް އެކްސްޕީރިއަންސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރުން ހިމެނެއެވެ.