ވިޔަފާރި

ފެރީ ޓިކެޓް އަގު ބޮޑުކުރަން ނިންމީ ޤަވާއިދާ ޚިލާފަށް!


މާލެއާ ހުޅުލެއާ ދެމެދު ދަތުރުކުރާ ފެރީ ޓިކެޓް އަގު ބޮޑުކުރަން ނިންމާފައިވަނީ ޤަވާއިދާ ޚިލާފަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

އެއަރޕޯޓް ފެރީ ޓިކެޓުގެ އަގު ބޮޑުކުރަން ނިންމާ، އެއަރޕޯޓް ފެރީ އޮޕަރޭޓާރސް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ނެރުއްވި ބަޔާނުގައިވަނީ، އެގޮތަށް ނިންމާފައިވަނީ ހަމަޖެހިފައިވާ އުސޫލްތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން ޓިކެޓްގެ އަގަށް ބަދަލު ގެންނަން ނިންމާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީއާއި ކަމާގުޅޭ އެއްވެސް މުވައްސަސާއަކާ މަޝްވަރާކުރުމެއް ނެތި ކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި މިކަމަކީ އޮޕަރޭޓަރަށް ހުއްދަ ނެތި ކުރެވޭނެ ކަމަކަށް ނުވާތީ މި މައްސަލަ ބައްލަވަމުން ގެންދަވާކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ. 

އެއަރޕޯޓް ފެރީ އޮޕަރޭޓާރސް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން ހުޅުލެއަށް ދަތުރުކުރަމުން އަންނަ ފެރީ ޓިކެޓްގެ ދެން ގަންނަން ލިބޭނީ 11 ރުފިޔާއަށްކަމަށެވެ. ހުޅުލެއަށް ދަތުރުކުރާ ފެރީ ޓިކެޓް ވިއްކަމުންދަނީ 10 ރުފިޔާއަށެވެ.