ވިޔަފާރި

ހުޅުލެއަށް ދަތުރުކުރާ ފެރީ ޓިކެޓްގެ އަގަށް ބަދަލު ގެނެސްފި


މާލެއާ ހުޅުލެއާ ދެމެދު ދަތުރުކުރާ ފެރީ ދަތުރުތަކުން ޖީއެސްޓީ ނަގަން ނިންމައި، ފެރީ ޓިކެޓްގެ އަގަށް ބަދަލުގެނެސްފިއެވެ.

އެއަރޕޯޓް ފެރީ އޮޕަރޭޓާރސް އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ ދިހަވަނަ ދުވަހުން ފެށިގެން ހުޅުލެއަށް ދަތުރުކުރަމުން އަންނަ ފެރީ ޓިކެޓްގެ ދެން ގަންނަން ލިބޭނީ އެގާރަ ރުފިޔާއަށްކަމަށެވެ.

ހުޅުލެއަށް ދަތުރުކުރާ ފެރީ ޓިކެޓް މިހާތަނަށް ވިއްކަމުން އައީ 10 ރުފިޔާއަށެވެ.

ހުޅުލެއާ މާލެއާ ދެމެދު ކުރާ ދަތުރުތަކުން ޖީއެސްޓީ ނެގުމަށް ނިންމާފައިމިވަނީ މިރާއާއެކު މަޝްވާރާކުރުމަށްފަހުކަމަށް އެއަރޕޯޓް ފެރީ އޮޕަރޭޓާރސް އެސޯސިއޭޝަނުން ބުނެއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ޖީ.އެސް.ޓީ އަކީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން، ދިވެހިރާއްޖޭގައި ވިއްކާ މުދަލާއި ދޭ ޚިދުމަތުގެ އަގުން ނަގާ ޓެކުހެކެވެ. 2012 ވަނަ އަހަރުން ފެށިގެން ޖީއެސްޓީ ނަގަމުން އަންނަނީ %6ގެ ރޭޓުންނެވެ.