މާލެއަށް ދަތުރުކުރަމުންދިޔަ އިންޑިއާ ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާއިން ހަރަކާތްތެރިވާންފަށައިފިއެވެ.
މިއީ ހދ.ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރުކުރި އިންޑިއާގެ މުދާ އުފުލާ ބޯޓެއްކަމަށް އެމްއެންޑީއެފްއޮން މަޢުލޫމާތުދެއްވައެވެ. ކ.ހެލެނގެލި ރިސޯޓްގެ ދެކުނަށް އޮންނަ ފަރުގެ އިރުމަތީފަރާތަށް އެބޯޓު އެރީ ތަރުކާރީއާއި ބައެއް އާންމު މުދާ ހިފައިގެން ދަތުރުކުރަނިކޮށެވެ. 35 މީޓަރުގެ މި ބޯޓު ދަތުރުކުރީ ހދ.ކުޅުދުއްފުށީ ސަރަަހައްދީ ބަނދަރުން ކްލިއަރެންސް ހެދުމަށްފަހު މާލެއަށެވެ. މިބޯޓުގައިތިބީ 8 މީހުންނެވެ. މިއެންމެންނަކީވެސް އިންޑިއާގ ރައްޔިތުންނެވެ.
"އެމްއެސްވީ ދައުލަ 1" ނަމަކަށްކިޔާ މި ބޯޓް ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝްން ސެންޓަރަށް ލިބިފައިވަނީ ފަތިހު 5:10 ހާއިރުކަމަށް އެފަރާތުން ވިދާޅުވެއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބުމުން ޑިއިވަރުންގެ ޓީމަކާއެކު އެމްްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓެއް ވަނީ ބޯޓް އޮތް ސަރަހައްދަަށްގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފަކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވައެވެ.މި ބޯޓް ފުންކުރުމުގެ މަސައްކަތް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއާއި ބޯޓްގެ ވެރިފަރާތް ގުޅިގެން ކުރަމުންދާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.