ކުޅިވަރު

ޗެލްސީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފި


ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވުމަކީ ލީގު ހޯދުމަށް ކުރަމުންދާ އުއްމީދަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށް ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ އެވަޓަންގެ ދަނޑުގައި އެ ޓީމުގެ މައްޗަށް ތިން ލަނޑު ސުން ލަނޑުން ކުރި ހޯދި މެޗަށްފަހު ޗެލްސީގެ ކޯޗް ކޮންޓޭ ބުނީ އެވަޓަން ދަނޑުގައި އެ ޓީމުގެ މައްޗަށް ކުރި ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، މި މޮޅާއެކު ޗެމްޕިއަންސް ލީގުގެ ޖާގައެއް އަންނަ އަހަރަށް ކަށަވަރުވުމަކީ ލީގު ހޯދުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ހިތްވަރެއް ކަމަށެވެ.  އޭނާ ބުނީ ފުރަތަމަ ހާފްގައިވެސް ލަނޑު ޖަހަން ރަނގަޅު ފުރުޞަތުތަކެއް ލިބުނު ކަމަށާއި، އެ ފުރުޞަތުތަކުގެ ބޭނުން ނުކުރެވުނު ކަމަށެވެ. އެހެންނަމަވެސް ދެވަނަ ހާފްގައި ލިބުނު ފުރުޞަތުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފިކަން ކޮންޓޭ ފާހަގަކުރިއެވެ.

 ރޭގެ މެޗްގައި ޗެލްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޕެޑްރޯއާ، ގެރީ ކޭހިލްގެ އިތުރުން ވިލިއަންއެވެ. މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޗެލްސީ ތާވަލްގެ އެއްވަނާގައި އޮތީ 81 ޕޮއިންޓާއެކުއެވެ. ރޭގެ މެޗުން ބަލިވި އެވަޓަން އޮތީ ތާވަލްގެ ހަތް ވަނާގައެވެ. އެއީ 58 ޕޮއިންޓާއެކުއެވެ. ލީގުގައި ރޭ މެންޗަސްޓަރ ސިޓީއަށް ތާވަލްގެ ތިންވަނައަށް އެރުމަށް ލިބިގެންދިޔަ ފުރުޞަތު ވަނީ ގެއްލުވާލާފައެވެ. ރަށުން ބޭރުގައި މިޑްސްބަރާއާ ދެކޮޅަށް ކުޅުނު މެޗް ނިމިފައިވަނީ ދެ ލަނޑު ދެ ލަނޑުން އެއްވަރުވެގެންނެވެ.