ވިޔަފާރި

ޓޫރިޒަމަށް އިންޝުއަރެންސް ކުންފުނިތަކުގެ ބޭނުން ބޮޑު


ޓޫރިޒަމް ދާއިރާ ކުރިއަރައިގެންދާއިރު، އިންޝުއަރެންސް ކުންފުނިތައް އިތުރުވެގެންދާކަމީ، ރާއްޖޭގެ އިޤްތިޞާދުގައި މިއަދު ފާހަގަކޮށްލަންޖެހޭ ކަމެއްކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ސޮލަރެލް އިންޝުއަރެންސް ކުންފުންޏަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ، ތަރައްޤީވަމުންދާ ހަލުވި މިނުގައި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި އެހެނިހެން ދާއިރާތައްވެސް ކުރިއަރާ ދާންޖެހޭކަމަށެވެ. މިގޮތުން ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ކުރިއަރަމުންދާ މިންވަރު މިއަދު އުފަލާއެކު ފާހަގަކޮށްލަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އިންޝުއަރެންސްގެ ޚިދުމަތަކީ މުހިއްމު ޚިދުމަތެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ކުރެވޭ ކޮންމެ އިންވެސްޓްމަންޓަކީ އިންޝުއަރެންސްގެ ވިޔަފާރި ސީދާ ޙިއްޞާކުރާނެ ކަމެކެވެ. ފަތުރުވެރިކަމަށް އިންވެސްޓްކުރާ ދުވަހުން ފެށިގެން އެ ވިޔަފާރި ދެމިގެންދާ ދުވަހަކަށް އެކިވައްތަރުގެ އިންޝުއަރެންސް ޕޮލިސީތައް ބޭނުންވާއިރު، ރާއްޖޭގައި އިންޝުއަރެންސްގެ ދާއިރާއަށް ފަހި މުސްތަޤްބަލެއް އެބައޮތްކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ސޮލަރެލް އިންޝުއަރެންސް ކުންފުނީގެ ޗެއާމަން، ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ، ސޮލަރެލް އިންޝުއަރެންސް ކުންފުނި އުފެއްދިތާ އަހަރެއް ވެގެންދިޔައިރު، އެކުންފުނިން ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. އެގޮތުން މިއަހަރުގެ ޖުލައިމަހު ސޮލަރެލް ކުންފުނީގެ ގޮތްޕެއް އައްޑޫ ސިޓީގައި ހުޅުވުމަށް ނިންމާފައިވާކަމަށްވެސް ބަންދު އިބްރާހިމް ސަލީމް ވިދާޅުވިއެވެ.

ސޮލަރެލް ކުންފުންޏަށް ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރިކުރުމުގެ ހުއްދަ މަރުކަޒީ ބޭންކުން ދެއްވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލްމަހުގައެވެ.