ވިޔަފާރި

އަމާޒަކީ ކުޑަހުވަދޫ އެއަރޕޯޓަށް ދުވާލަކު 3 ނުވަތަ 4 ދަތުރުކުރުން


އައިލެންޑް އޭވިއޭޝަނުގެ އަމާޒަކީ ދ. އަތޮޅު ކުޑަހުވަދޫ އެއަރޕޯޓަށް ދުވާލަކު ތިނެއް ނުވަތަ ހަތަރު ފްލައިޓް އޮޕަރޭޓްކުރުން ކަމަށް އެކުންފުނިން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް ހާރިސް ވިދާޅުވީ، ރާއްޖޭގައި އަޅާ އެންމެބޮޑު ޑޮމަސްޓިކް އެއަރޕޯޓް، ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ އުދުހުންތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. 

img:http://s3.psmnews.mv/images/660x400/14834450881349.jpg|ކުޑަހުވަދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އައިލެންޑް އޭވިއޭޝަނުގެ ވިސްނުމަކީ މޯލްޑިވިއަން މެދުވެރިކޮށް މަދުވެގެން ތިނެއް ނުވަތަ ހަތަރު ފްލައިޓް އެ އެއަރޕޯޓަށް އޮޕަރޭޓްކުރުންކަމަށް ހާރިސް ވިދާޅުވިއެވެ. ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމާއި އެއްވަރަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް އަދުގެ ސަރުކާރުން މަސައްކަތް ކުރައްވަމުންދާއިރު، މޯލްޑިވިއަންގެ އޮޕަރޭޝަންތައް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ފަށާފައިވާކަމަށް ހާރިސް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަނުން ހާމަކުރާގޮތުގައި މޯލްޑިވިއަންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ކުރިއަށް އޮތް ތަނުގައި ޑޭޝް އަށެއް މަރުކާގެ އިތުރު ބޯޓުތައް ގެނައުމަށް އެކުންފުނިން ގެންދަވަނީ މަސައްކަތްކުރަމުންނެވެ. އައިލެންޑް އޭވިއޭޝަނުން މޯލްޑިވިއަންގެ އުދުހުންތައް ރާއްޖޭގެ ދިހަ އެއަރޕޯޓަކަށް ބާއްވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.