ޚަބަރު

އިންތިޚާބަށް ބޭނުންވާތަކެތި ފޮނުވުމުގެ މަސައްކަތް ފަށްޓަވައިފި


ލޯކަލް ކައުންސިލް އިންތިޚާބަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށްޓަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުމަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓް ފޮށްޓާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފައިވާ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓްތަކާއި އިންތިޚާބަށް ބޭނުންވާ އެހެނިހެން ތަކެތި ރަށްރަށަށް ފޮނުއްވުމުގެ މަސައްކަތް މިއަދު ފަށްޓަވާފައިވާކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރުދުވަހުއެވެ. އިންތިޚާބަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން އިންތިޚާބަށް ބޭނުންވާ ލޮޖިސްޓިކް އިންތިޒާމްތައް ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކާ ގުޅިގެން ހަމަޖައްސަވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. 

ލޯކަލް ކައުންސިލް އިންތިޚާބަކީ އެންމެ ގިނަ ޢަދަދެއްގެ ކެނޑިޑޭޓުން ވާދަކުރާ އިންތިޚާބުކަމުން، އެހެން އިންތިޚާބުތަކަށްވުރެ އިދާރީ، އަދި ލޮޖިސްޓިކް އިންތިޒާމްތައް މި އިންތިޚާބުގައި ގިނަވާނެއެވެ. އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ކުރިއަށްދާއިރު، މި އިންތިޚާބުގައި ޖުމްލަ ސާދަސަތޭކަ އަށްޑިހަ ހަތް ކެނޑިޑޭޓުން ވާދަކުރެއެވެ.