ކުޅިވަރު

ކުޅުދުއްފުޓާއި މިލަންދޫގައި އިންޑޯ ކޮންޕްލެކްސް އަޅަނީ


ހދ.ކުޅުދުއްފުށްޓާއި، ށ.އަތޮޅު މިލަންދޫގައި އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސްއެއް އެޅުމަށް ހަވާލުކުރައްވައިފިއެވެ. 

މިދެރަށުގައި ސްޕޯރޓްސް ކޮމްޕްލެކްސް އަޅަން ހަވާލުކުރެއްވީ ކިޔު ވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއެއްބަސްވުމުގެ ދަށުން އެ ދެރަށުގައިވެސް އިންޑޯ ކުޅިވަރުތައް ކުޅުމުގެ ގިނަ ވަސީލަތްތަކެއް ޤާއިމް ކުރައްވާނެކަމަށް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ. ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ހދ.ކުޅުދުއްފުށީގައި ޤާއިމް ކުރައްވާ އިންޑޯ ކޮމްޕްލެކްސް އަށް ޔޫތް މިނިސްޓްރީގެ ބަޖެޓުން 4.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާނެކަމަށެވެ. ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން ހދ.ކުޅުދުއްފުށީގައި ފުޓްސެލް ދަނޑާއި، ބާސްކެޓް ކޯޓް، ނެޓްބޯޅަ ކޯޓް އަދި ވޮލީ ކޯޓްގެ މަސައްކަތް މީގެ ކުރިން ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުޅުދުއްފުށީގެ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް އެމްއާރްޑީސީއާއި ހަވާލްކުރައްވާ، އެރަށުގައި އިތުރު ފުޓްސެލް ދަނޑެއް އެޅުމަށް މިހާރު ޓްރައިކޯ އިންވެސްޓްމެންޓާ ހަވާލުކުރައްވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ށ.އަތޮޅު މިލަންދޫގައި ޤާއިމް ކުރައްވާ އިންޑޯ ކޮމްޕްލެކްސްއަށް ޔޫތް މިނިސްޓްރީގެ ބަޖެޓުން 4.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ށ.އަތޮޅު މިލަންދޫ ފުޓްބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް މިހާރު ނިންމާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ދަނޑުގައި ވިނަ އިންދުމުގެ މަސައްކަތް  ޓެންޑަރ ޕްރޮސެސިންގެ ތެރޭގައި ވާކަމަށްވެސް ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ. އަދި ސްޕޯރޓްސް އެރިނާގެ މަޝްރޫޢުގެ ދަށުން ވަޞީލަތްތައް ޤާއިމްކުރެއްވުމަށް ށ.އަތޮޅު މިލަންދޫގައި މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރައްވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ ސްޕޯރޓްސް އެރީނާ މަޝްރޫއަކީ ވަރަށް ކާމިޔާބު މަޝްރޫއެއްކަމަށާއި މިމަޝްރޫއުގެ ސަބަބުން ގިނަ ޒުވާނުން ބޭނުންތެރި ބަޔަކަށްވެ، ކުށްކުރާ ޒުވާނުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ.

"ސްޕޯރޓްސް އެރިނާ މަޝްރޫޢުގެ ދަށުން ޤާއިމް ކުރެވޭ ކޯޓްތައް ބޭނުން ކުރާ މިންވަރު މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. މިދިޔަ ހަފްތާ ބަންދުގައި އަވައްޓެރި ލަންކާގައިވަނީ ދެވަނަ ފުޓްސެލް ދަނޑެއް ހުޅުވާފަ. ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް މިހާރު ފުޓްސެލް ދަނޑުގެ މަޤްބޫލުކަން ބޮޑުވެ، އިތުރު ދަނޑުތަށް އެޅުމަށް މިނިސްޓްރީއަށް ހުށައެޅުންތައް ލިބެމުންދާކަން ފާހަގަކޮށްލެވޭ." ޔޫތް މިނިސްޓަރ އިރުތިޝާން އާދަމް ވިދާޅުވިއެވެ.

ހދ.ކުޅުދުއްފުށްޓާއި ށ.އަތޮޅު މިލަންދޫގައި ޤާއިމްކުރައްވާ އިންޑޯ ކޮމްޕްލެކްސް މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ނިންމެވުމަށް ވަނީ އެއްބަސްވެފައެވެ. ވަރަށް ހަލުވި ސްޕީޑްގައި މަސައްކަތް ނިންމާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކޮމްޕްލެކެސްތައް މިނިސްޓްރީއާއި ހަވާލު ކުރައްވާނެކަމުގެ ޔަޤީންކަން ކޮންޓެރެކްޓަރ ދެއްވިއެވެ.