ދުނިޔެ

އުތުރުކޮރެޔާއިން އިތުރު ބެލިސްޓިކް މިސައިލެއް ތަޖުރިބާކޮށްފި


އުތުރުކޮރެޔާއިން އިތުރު ބެލިސްޓިކް މިސައިލެއް ތަޖުރިބާކޮށްފިއެވެ. އުތުރުކޮރެޔާއިން މިފަހަރު ބެލިސްޓިކް މިސައިލެއް ތަޖްރިބާކޮށްފައި މިވަނީ އެމެރިކާއިން އެޤައުމަށް ވަރުގަދަ އަސްކަރީ ފިއްތުންތަކެއް ކުރަމުންގެންދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އަސްކަރީ ފިއްތުންތަކުގެ ތެރޭގައި ދެކުނު ކޮރެޔާއާއި ޖަޕާނާ ގުޅިގެން ކޮރެޔާ ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް ބޭއްވުމާއި ދެކުނު ކޮރެޔާގައި އެމެރިކާ ބިނާކުރާ މިސައިލް އައްޑަނައިގެ ނިޒާމުގެ މަސައްކަތް އަވަސްކުރުން ހިމެނެއެވެ.

މީގެ އިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަންވަނީ އުތުރުކޮރެޔާއަށް އިސްވެ ޙަމަލާދީގެންވެސް އެޤައުމުގެ މައްސަލަ ހައްލުކުރަން އެމެރިކާ ފަސްނުޖެހޭނެ ކަމުގެ އިންޒާރެއްވެސް އުތުކޮރެޔާއަށް ދެއްވާފައެވެ. ހުކުރުދުވަހު ބޭއްވި އދ. ގެ ސަމާލަތީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޓިލަސަންވަނީ އުތުރުކޮރެޔާއިން ކުރާ ނިއުކްލިޔަރ ތަޖްރިބާތަކާއި މިސައިލް ތަޖްރިބާތަކަށް ސްޓްރެޓީޖިކް ގޮތުން ކެތްކޮށްގެން އެމެރިކާ އޮންނައޮތުން ނިމުމަކަށް ގެނަސް އަސްކަރީ ބާރު ބޭނުން ކޮށްގެން ނަމަވެސް އުތުރުކޮރެޔާގެ މައްސަލަ ހައްލުކުރަން އެމެރިކާއަށް ޖެހިފައިވާކަމަށް ވިދާޅުވެ އެގައުމަށް އިންޒާރެއް ދެއްވާފައެވެ. އެމެރިކާގެ އިންޒާރާ ގުޅިގެން ރަޝިޔާއާއި ޗައިނާއިން ވަނީ އުތުރުކޮރެޔާގެ މައްސަލާގައި އަތްއިސް ނުކުރުމަށް އެމެރިކާއަށްވެސް އިންޒާރު ކޮށްފައެވެ.

އުތުރުކޮރެޔާގެ މައްސަލާގައި އެމެރިކާ ކަންބޮޑުވަނީ އެޤައުމުން ނިއުކްލިޔަރ ހަތިޔާރާއި ދުރުރާސްތާގެ ބެލިސްޓިކް މިސައިލް ތަރައްގީކޮށް އެތަކެތި ތަޖުރިބާ ކުރަމުން ގެންދާތީއެވެ. މިބާވަތުގެ ހަތިޔާރު ތަރައްޤީ ކުރުމަށް އުތުރުކޮރެޔާ ދޫކޮށްލައިފިނަމަ އޭޝިޔާގައިވާ އެމެރިކާގެ ބައިވެރިންކަމަށްވާ ދެކުނު ކޮރެޔާއާއި ޖަޕާން ފަދަ ޤައުމުތައް އުތުރުކޮރެޔާގެ ބިރު ދެއްކުންތަކުގެ ޙިސާރުވެ ޚުދު އެމެރިކާގެ ބައްރަށްވެސް ޙަމަލާދޭވަރުގެ ހަތިޔާރު ކައިރި މުސްތަގްބަލެއްގައި އުތުރުކޮރެޔާއިން ތަރައްގީ ކުރާނެކަމަށް އެމެރިކާއިން ދެކެއެވެ. އެމެރިކާއަކީ އެޤައުމު ފިޔަވައި އެހެން ޤައުމަކުން ނިއުކްލިޔަރ ހަތިޔާރާއި އެނޫންވެސް ޒަމާނީ ހަތިޔާރު ތަރައްޤީކުރަން ބޭނުންވާ ގައުމެއް ނޫނެވެ. އެހެންކަމުން، އުތުރުކޮރެޔާއިން ޒަމާނީ ހަތިޔާރު ތަރައްޤީ ކުރުމަކީ އިރުމަތީ އޭޝިޔާ ސަރަޙައްދުގައި ހަންފެތުރުމަށް ޒަމާނުއްސުރެ އެމެރިކާއިން ގެންގުޅޭ ސިޔާސަތުތައް ނާކާމިޔާބުވެ އެސަރަޙައްދުން އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވެގެން ދާނެކަމެއް ކަމަށް އެޤައުމުން ދެކެއެވެ. މިއަދު ހެނދުނު އުތުރުކޮރެޔާއިން ތަޖުރިބާކުރި ބެލިސްޓިކް މިސައިލާބެހޭ ގޮތުން އަވަށްޓެރި ދެކުނު ކޮރެޔާއިން ބުނެފައިވަނީ އެމިސައިލް ޖަޕާން ކަނޑަށް ވެއްޓިފައިވާކަމަށެވެ. އުތުރުކޮރެޔާއިން ގިނަ ޢަދަދަކަށް ބެލިސްޓިކް މިސައިލް ތަޖްރިބާކުރުމުގެ އިތުރުން، އެޤައުމުންވަނީ ފަސް ފަހަރެއްގެ މަތިން ނިއުކްލިޔަރ ތަޖުރިބާވެސްކޮށްފައެވެ.