އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެޤައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މިއަދަށް މިވަނީ 100 ދުވަސްވެފައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެރިކަން ލިބިވަޑައިގެންފިނަމަ ގިނަ ކަންކަން ބަދަލު ކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވަޢުދުވެވަޑައިގެންފައެވެ. މީގެ ތެރެއިން އެއް ކަމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތެވެ. އެގޮތުން ދުނިޔޭގެ މަސްރަހުގައި އެމެރިކާގެ މަސްލަހަތު އަބަދުވެސް އިސް ކުރައްވާނެ ކަމަށް އޭރު ޓްރަމްޕް ވިދާޅުވިއެވެ. އެހެން ނަމަވެސް ޓްރަމްޕްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިކަމުގައި ފެނިފައިވަނީ މުޅިން ތަފާތު މަންޒަރެކެވެ.
އެމެރިކާ ފަދަ ޤައުމަކުން ބައިނަލްއަޤުވާމީ މަސްރަހުގައި އިސް ރޯލެއް އަދާކުރަމުން ދިއުމަކީ އަވަށްޓެރި ޤައުމުތަކާއި އެނޫން ޤައުމުތަކުން ވެސް ބަލައިގަންނަ ކަމެކެވެ. ގިނަ ޤައުމުތަކަށް އަސަރުކުރާ ކަންކަމުގައި އެމެރިކާއިން އިސްވެ އޮވެ މީގެ ކުރިން އަޅާފައިވާ ފިޔަވަޅުތަކަކީ ގިނަ ޤައުމުތަކުން ތަރުހީބު ވެސް ދޭ ކަންކަމެވެ. ނަމަވެސް ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައިވާ އަދި ހިނގަމުންދާ ހަނގުރާމަތަކުގައި އެމެރިކާގެ ބައިވެރިވުން ބޮޑުވެ މިހަނގުރާމަތަކުގައި މަރުވަމުންދާ އެމެރިކާ ސިފައިންގެ އަދަދު އިތުރުވަމުން ދިއުމަކީ އެމެރިކާ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ފާޑުކިއުންތަކެއް އަމާޒުކުރި ކަމަކަށް ވަނީ ވެފައެވެ.
ބޭރު ޤައުމުތަކުގައި މަރުވަމުންދާ އެމެރިކާ ސިފައިންގެ ޢަދަދު މަދުކޮށް، އެމެރިކާގެ ޚާރިޖީ ސިޔާސަތަކީ އެޤައުމުގެ މަސްލަހަތު އެންމެ ކުރިއަށް ނެރޭނެ ފަދަ ސިޔާސަތަކަށް ހައްދަވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ މިހާރުގެ ރައީސް ރިޔާސީ ކެމްޕޭނުގައި މިދިޔަ އަހަރުގެ އޭޕްރިލް މަހު ދެއްވި ތަޤުރީރަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެމެރިކާއަށް ވާގިދޭ ގައުމުތައް ކަންބޮޑުކުރުވި ތަޤުރީރެކެވެ. ނަމަވެސް ރިޔާސަތާ ހަވާލުވެވަޑައިގެންވިތާ 3 މަސް ދުވަސްވީއިރު ޓްރަމްޕްގެ ޚާރިޖީ ސިޔާސަތު މި ވަނީ ބަދަލުވެފައެވެ.
އެގޮތުން، ވިލާތުގެ ޤައުމުތަކާއި އެމެރިކާ ގުޅިގެން ހިންގާ ނޭޓޯ ޖަމާޢަތަކީ ބޭކާރު އިއްތިޙާދެއް ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ކެމްޕޭން ތެރޭގައި ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، ނޭޓޯ އަކީ އެމެރިކާއަށް ބޭނުންތެރި އިއްތިޙާދެއް ކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން، ރިޔާސީ ކެމްޕޭނުގައި ޗައިނާއަށް އަމާޒުކޮށް ދިން ވަރުގަދަ ބަހުގެ ޙަމަލާތަކުގެ ރާގު ބަދަލު ކުރައްވާ އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް އެމެރިކާއަށް ވަޑައިގަތުމަށް ދަޢުވަތު އަރުއްވާ، ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ އަމިއްލަ ރިސޯޓް ޝީގެ ދަތުރަށް ތައްޔާރުކުރައްވާފައެވެ. މިދަތުރުގެ ސަބަބުން ދެޤައުމުގެ ގުޅުމުގެ އައު އަދި އުއްމީދީ ބާބެއް ފެށިފައިވާ ކަމަށް އެމެރިކާ ރައީސް ސިފަކުރެއްވިއެވެ.
ރިޔާސީ ކެމްޕޭނާ ޚިލާފަށް ޓްރަމްޕްގެ ޚާރިޖީ ސިޔާސަތަށް ދެން އައި ބަދަލަކީ އެމެރިކާގެ ޒަމާންވީ ހަތުރު ރަޝިޔާއާއެކު ޓްރަމްޕް ބާއްވަމުން އައި ގާތް ގުޅުމާ ދުރުވެވަޑައިގަތުމެވެ. ކެމްޕޭން ތެރޭގައި ރަޝިޔާއަށް އަމާޒުކުރައްވާ ގިނަ ވާހަކަތަކެއް ދެއްކެވި ނަމަވެސް އެމެރިކާގެ ރައީސް ވަނީ ރަޝިޔާއަކީ އެމެރިކާގެ އިޤްތިސާދާ ކުރިއެރުމަށް ޗައިނާ ފަދަ މުހިއްމު ޤައުމެއް ނޫންކަން ފާހަގަކުރައްވާފައެވެ.
ޓްރަމްޕްގެ ޚާރިޖީ ސިޔާސަތަށް ގެނައި މިބަދަލުގެ އަސްލަކީ ކަނޑައެޅިގެން ވަކި ސިޔާސަތުތަކެއް ޙާއްސަ ކުރެވިފައި ނުވުން ކަމަށާއި އޭނާގެ ސަރުކާރުން ޚާރިޖީ ސިޔާސަތުތައް ނިންމުމުގައި މަސައްކަތް ކުރަނީ އެވަގުތެއްގައި އެންމެ ފުރުޞަތުތައް ބޮޑު ގޮތަކަށް ކަމަށް އެމެރިކާގެ ސިޔާސީ ތަޖުރިބާކާރުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ޓްރަމްޕްގެ ސަރުކާރުގެ ފަރާތުން ފެނިގެން ދިޔަ އަނެއް މުޙިއްމު ކަމަކީ މިމަހުގެ ކުރީކޮޅު ސޫރިޔާގައި ދިން ކަމަށް ބުނާ ކެމިކަލް ޙަމަލާގެ ރައްދުގައި ސޫރިޔާގެ އަސްކަރިއްޔާއަށް އަމާޒުކޮށް އެމެރިކާއިން ދިން ވަރުގަދަ ހަމަލާއެވެ. ޓްރަމްޕްގެ މިނިންމުމަށް ގިނަ ފަރާތްތަކުގެ ތަޢުރީފު ވަނީ ލިބިފައެވެ. މިއީ ކުރީގެ ރައީސް އޮބާމާގެ ސަރުކާރުން އަބަދުވެސް ޢަމަލުކުރަން ފަސްޖެހުނު ކަމެއް ކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.